އެމެރިކާއިން ދިވެހިރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕުލިޓްޒް ރާއްޖެ ވަޑައިގެންފިއެވެ.

އެމެރިކާގެ ސަފީރު ރާއްޖެއަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރާއްޖެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ސަފީރު ވިދާޅުވީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މި ބައްދަލުވުންތަކަކީ މިނިވަން އަދި ކުރިއަރާދާ ދިވެހިރާއްޖެއަށް ބިނާ ކުރުމަށް ދޭދޭ މަސްލަހަތު އެކުލެވޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ބައްތަލުވުންތަކަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން އެމެރިކާއިން ވަނީ ރާއްޖެއާއެކު ދަރަނި ދެއްކުން ފަސްކުރުމާ ބެހޭ އެއްބަސްވުމުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ސޮއިކޮށްފައެވެ. އެމެރިކާއިން ރާއްޖެއާއެކު ސޮއި ކޮށްފައި ވަނީ 100،000 އެމެރިކާ ޑޮލަރުގެ ޑެބްޓް ރިލީފް އެއްބަސްވުމެއްގައެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ރާއްޖެއަށް ކުރެއްވި ދަތުރު: މިނިސްޓަރު ޝާހިދާއެކު ބޭއްވި ޕްރެސް ކޮންފަރެންސް / ފޮޓޯ: ރައީސް އޮފީސް

މި ފަހަކަށް އައިސް ރާއްޖެއާއި އެމެރިކާގެ ގުޅުންތައް ވަނީ އިންތިހާއަށް ބަދަހި ވެފައެވެ. އެގޮތުން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯވެސް ވަނީ، ނިމިދިޔަ 2020 ވަނަ އަހަރުގެ ފަހުކޮޅު، ރާއްޖެއަށް ޒިޔާރަތް ކުރައްވާ ރަސްމީ ފެންވަރުގެ މަޝްވަރާތަކެއް ކުރިއަށް ގެންދަވާފައެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމު ކުރުމުގެ ހުލާސާވެސް އެޅިގެން ދިޔައީ ޕޮމްޕޭއޯގެ ޒިޔާރަތުގެ ތެރެއިނެވެ.