އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް އެމެރިކާއިން މަރުހަބާ ކިޔައިފިއެވެ.

އެމެރިކާއިން ބުނީ ޑރ. މުއިއްޒުއަށް މަރުހަބާ ކިޔުމުގެ އިތުރުން 1966 ވަނަ އަހަރު ރާއްޖެއާއި އެމެރިކާއާ ދެމެދު ގާއިމް ކުރެވުނު ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައެވެ. މުއިއްޒުއަށް މުޅި އިންތިހާބުގައި ވޯޓުލީ މީހުންގެ 54.09 ޕަސެންޓު ވަނީ ލިބިވަޑައިގެންފައެވެ. އަދި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 45.96 ޕަސެންޓު ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ދެވަނަ ބުރުގައި މި ތަފާތު ބޮޑުކުރައްވައި 19،291 ވޯޓުން މުއިއްޒު ކުރި ހޯއްދަވާފައި ވާ އިރު މިއީ ވާދަވެރި އިންތިހާބެއްގައި ބޮޑު ކޯލިޝަނަކަށް ނުވާ ކޯލިޝަނަކާއެކު އެކަނި އެއް ކެންޑިޑޭޓަކު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެއްވި އިންތިހާބެވެ. ދެވަނަ ބުރުގައި ޕީޕީއެމް އަދި ޕީއެންސީ އާ ކޯލިޝަން ހެދީ 2000 ވޯޓު ހަމަ ނުވާ އެމްއެންޕީންނެވެ.

އެމެރިކާގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވެސް ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ.