ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ދިވެހިރާއްޖެއަށް ބޭނުން ޖެހިފައިވާ ސިއްހީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް މިއަދު ކުރިއަށް ދާނެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ތަރައްގީއަށް އެހީވެދޭ އެމެރިކާގެ މަޝްރޫއު، ޔޫއެސްއެއިޑް މެދުވެރިކޮށް އެމެރިކާއިން ދިވެހިރާއްޖެއަށް މިފަހަރު ފޯރުކޮށްދޭ އެހީގެ ޝިޕްމަންޓްގައި ހިމެނެނީ 600 ޕަލްސް އޮކްސިމީޓަރާއި، ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިން ވޯކަރުންގެ ހަށިރައްކަލަށް ބޭނުން ކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)ގެ 292000 ޕީސް ކަމަށް ޔޫއެސްއެއިޑް އިން މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ޔޫއެސްއެއިޑް މެދުވެރިކޮށް މީގެ ކުރިންވެސް ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ކޮވިޑް-19ގެ އިޖާބައިގެ އެހީގެ ގޮތުގައި ޔޫއެސްއެއިޑްއިން ދިވެހިރާއްޖެއަށް 9.1 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް މައުލުމާތު ލިބެއެވެ. އޭގެ ތެރޭގައި 60 ވެންޓިލޭޓަރުވެސް ހިމެނޭ ކަމަށް ޔޫއެސްއެއިޑްގެ ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީއާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް ދަ ޕްރެސްއިން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން އަދި އެއްވެސް ވަރެއްގެ އިޖާބައެއް ލިބިފައެއް ނުވެއެވެ.

އެމެރިކާއިން މިފަހަރު ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ އިތުރުން ސްރީލަންކާ އަދި ޕާކިސްތާނަށްވެސް އެހީ ފޮނުވާ ކަމަށް މައުލޫމާތު ލިބެއެވެ.