2013 ވަނަ އަހަރު ރައްޔިތުން މަޖިލިހުގައި ހިނގި ހާދިސާއަކާ ގުޅިގެން ސިފައިންގެ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.
މަޖިލިސް މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ސިފައިން ވަނީ އާޒިމް މަޖިލިސް ކުރާ ގެ އަށް ވަންނަން އުޅުމުން އޭނާ އެތަނުން ނެރެފައެވެ. އަދި އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
އާޒިމް ފުލުހުންނާ ހަވާލުކޮށްފައި ވަނީ އޭނާ މަޖިލީހުގެ ސެކުރިޓީ ބަލަހައްޓާ ފަރާތްތަކަށް ހަމަލާ ދިނުމާ ގުޅިގެން ކަމަށް އެމްއެންޑީއެފުން އޭރު ވަނީ ބުނެފައެވެ.
އެހާދިސާ ދިމާވިތާ ހަތް އަހަރު ފަހުން އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އާޒިމް ވަނީ ހަމަލާދެއްވީ ކޮން ބޭފުޅަކަށްތޯ ބެލުމަށް އެދިވަޑައިގެންފައެވެ. އަދި އޭނާއާ އެންމެގާތުގައިި އެދުވަހު ހުންނެވީ މިނިސްޓަރު މާރިޔާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު އޭރު ކުރެއްވި ޓްވީޓެއް ވެސް ވަނީ އާޒިމު ރީޓްވީޓު ކުރައްވާފައެވެ. އެޓްވީޓުގައި ނަޝީދު ވަނީ އެ ދުވަހު މަޖިލީހުގެ ތެރެއަށް ވެންނެވި ސިފައިންނަށް ވަކިވަކިން ދައުވާ ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެން އެ ދުވަހު ރައީސް ޔާމީނަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް މައުމޫން އަބްދުލްގައްޔޫމު ކުރެއްވި ޓްވީޓަކަށް ވެސް އާޒިމް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން އޭނާ ވަނީ ޔާމީނަށް ހަމަލާނުދެއްވާ ކަމަށާއި އޭނާގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ފަރަތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅާދިނުމަށް އެދިވަޑައިގެންފައެވެ.