ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ދޫދީ އުމްރާވުމުގެ ފުރުސަތު، މަރުހަލާތަކަކަށް ބަހާލައިގެން އިތުރު ކުރަމުން އަންނައިރު، އުމުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ ބިދޭސީ ޢުމްރާވެރިންނަށް، ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ގައުމު ހުޅުވާލުމަށް ސައުދީ އަރަބިއްޔާއިން ތައްޔާރުވެއްޖެއެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަކީ، އުމްރާވުމުގެ ފުރުސަތަށް ލުއި ދިނުމުގެ 3 ވަނަ މަރުހަލާ ތަންފީޒު ކުރަން ފަށާ ދުވަހެވެ.

ބިދޭސީ ޢުމްރާވެރިންނަށް ހާއްސަ ކޮށްގެން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއިން އާންމު ކޮށްފައިވާ ޕްރޮޓޮކޯލްތަކަށް ބަލާއިރު، ސައުދީއަށް ދަތުރު ކުރުމަށްފަހު ކޮންމެ ޢުމްރާވެރިއަކުވެސް 3 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ. މި އުސޫލުން ސައުދީއަށް އެތެރެވެވޭނީ، ސައުދީއަށް ދަތުރު ފެށުމުގެ 72 ގަޑިއިރު ހަމަނުވާ، ނެގެޓިވް ޕީސީއާރް ޓެސްޓު ސެޓްފިކެޓެއް އޮވެގެން ކަމަށްވެސް ހަބަރު ލިބެއެވެ. އަދި އެ ސެޓްފިކެޓް ނުވަތަ ލިޔުން ދޫކޮށްފައި ވަނީ، އެ ގައުމެއްގައި އިތުބާރު ހިފޭ ލެބޯޓްރީއަކުން ކަމުގައިވެސް ވާންޖެހެއެވެ.

އިތުރު އުސޫލުތަކަށް ބަލާއިރު، އުމްރާގެ އަޅުކަން އަދާ ކުރުމަށާ، މާތްވެގެންވާ 2 ހަރަމްފުޅަށް ޒިޔާރަތްކޮށް އަޅުކަން ކުރުމަށް ދުރާލާ ދަފުތަރު ކުރަންޖެހެއެވެ. މިކަން ކުރުމަށް ހާއްސަ އެޕްލިކޭޝަނެއް އޮވެއެވެ. މީގެ އިތުރުން، ކޮންމެ އުމްރާވެރިއަކަށް ހުއްދަ ދެވިފައިވާ ޕްރޮގްރާމާއެކު، ސައުދީއިން ފުރުމަށް ފްލައިޓް ރިޒަވޭޝަންސްވެސް ކަށަވަރުކޮށްފައި އޮންނަންޖެހެއެވެ.

އުމްރާގެ އަޅުކަމަށް އަންނަ ފަރާތްތަކާ ހަވާލުވެ، ކަންކަން ކުރިއަށް ގެންދިއުމަށް 700 އެއްހާ އުމްރާ ގުރޫޕުން ސައުދީގައި ހަރަކާތްތެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ގުރޫޕުތަކަށް އަންނަ އުމްރާވެރިންވެސް ވަކިވަކި ކުދި ގުރޫޕުތަކަށް ބަހާލުމަށް ވަނީ ލާޒިމުކޮށްފައެވެ. އެގޮތުން އެއް ޖަމާއަތުގައި 50 މީހުންނަށް ވުރެ އިތުރަށް ގުރޫޕު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާއި ހާރިޖިއްޔާއިން މިހާރު ދަނީ، އުމްރާގެ އަޅުކަމަށް ސައުދީއަށް ދަތުރު ކުރެވޭނެ ގައުމުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.