ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމި ނިންމުންް މުރާޖާ ކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި އެދިއްޖެއެވެ.

އޭސީސީ އިން ބުނީ ވެންޓިލޭޓަރު މައްސަލާގައި ޕީޖީގެ ނިންމުން މުރާޖާ ކޮށްދިނުމަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި އޭސީސީއިން ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިމައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެއޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތަކުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާކަން ބަޔާންކުރުމާ ގުޅިގެންނެވެ.. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައިވާއިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.