އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚްގެ މިލްކުވެރި ކަމުގެ މައްސަލާގައި މިހާރު ކުރިއަށް ދާ ހޫނުގަދަ ހަނގުރާމާގައި، ޕާކިސްތާނުން އަދާ ކުރާ ރޯލު ބޮޑު ކަމަށް، އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔާން ތުހުމަތު ކުރައްވައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފަށައިގެން އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންދާއިރު، މި ހަމަނުޖެހުން ތަކުގައި މަރުވި މީހުންގެ އަދަދު، 750 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމަކާ ހަވާލާދީ އެ ނޫހުން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ކުރިއަށް ދާ ހަނގުރާމާގައި ޕާކިސްތާނުގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ބައިވެރިވާ ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށް، އަރުމީނިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. މި ހަނގުރާމާގައި ތުރުކީވިލާތުންވެސް ބައިވެރި ވާ ކަމަށް، އަރުމީނިއާގެ ބޮޑުވަޒީރު ވަނީ ތުހުމަތު ކުރައްވާފައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް ކައިރީގައި މީހަކު ހަރަކާތްތެރިވަނީ / ފޮޓޯ: ގެޓީ އިމޭޖަޒް

ސުލްހަ ގާއިމު ކުރުމަށް ރަޝިއާ އިސްވެ އޮވެ މަސައްކަތްތަކެއް ކޮށްފައި ވާއިރު، އަދިވެސް ހަމަޖެހުމެއް ހޯދިފައި ނުވާއިރު، ސުލްހަ ގާއިމު ނުކުރެވިގެން އުޅެނީވެސް މި ހަމަނުޖެހުންގަނޑު ފުނަށް ފީނާއިރު ގިނަ ކަންތަކެއްތަކެއް އެކުލެވޭތީ ކަމަށްވެސް އަރުމަނީއާގެ ބޮޑުވަޒީރާ ހަވާލާދީ އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިއީ އެ ހަނގުރާމައެއް ކުރުމަށް އަރުމީނިއާގެ މައްޗަށް މަޖުބޫރު ކުރިވި ހަނގުރާމައެއް ކަމަށާ، ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލެއް ހޯދެންދެކަށްވެސް، ދިފާއު ހޯދުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އަރުމީނިއާއަށް ލާޒިމު ވާ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ގޮވާލާ އެއްބަސްވުމަށް އަރުމީނިއާއިން އިހުތިރާމު ކޮށްފައި ވާނެ ކަމަށާ، ނަމަވެސް އެކަމަށް ފުރަގަސްދިނީ އަޒަރުބައިޖާން އިން ކަމަށް ވެސް އަރުމީނިއާގެ ބޮޑުވަޒީރު ވަނީ ތުހުމަތު ކުރައްވާފައެވެ. މި ހަނގުރާމައަކީ އަޒަރުބައިޖާން އިން ފެށި ހަނގުރާމަ އެއް ކަން ސާބިތުވާން އެބައޮތް ކަމަށް ވެސް އަރުމީނިއާގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ބަދަލު ކުރަމުން ދާ ހަމަލާތަކުގައި ޔަތީމު ވެފައިވާ ޚަދީޖާ ޝާހްނަޒަރުލީ / ފޮޓޯ: ސޭމޫރު ކަޒިމޯފް

އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ދުނިޔޭގެ ބޮޑެތި ބާރުތައް އަދި ވަނީ ފެއިލްއެވެ. ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާގެ ހާރިޖީވަޒީރު މައިކް ޕޮމްޕޭއޯވެސް ވަނީ އަރުމީނިއާއާއި އަޒަރުބައިޖާންގެ ހާރިޖީ ވަޒީރުންނާ ބައްދަލު ކުރައްވާފައެވެ. ކަން މިހެން އޮތް އިރު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވަނީ، މި ކޯޅުމުގައި މިހާރުވެސް 5000 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ވިދާޅުވެފައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ ކުރިންވެސް ދެންނެވި ފަދައިން އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.