އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޗެމްޕިއަންސް ލިވަޕޫލާ ޝެފީލްޑް ޔުނައިޑެޓް ވާދަކުރި މެޗުގައި ފަހަތުން އަރާ ދެ ގޯލު ޖަހާ 2-1 އަކުން ލިވަޕޫލް މެޗު ކާމިޔާބުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޝެފީލްޑް ޔުނައިޑެޓުން ޖެހީ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފޯވަޑް ބާރގްއެވެ. މި ޕެނަލްޓީ އެޓީމަށް ލިބުނީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ފެށޭ ރޮނގު މަތިން އެޓީމުގެ ޑިފެންޑަރު ފަބީނިއޯ ކުރި ފައުލަކާ ގުޅިގެންނެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ދެން ވެސް ގިނަ ފުރުސަތުތައް އުފެއްދީ ޝެފީލްޑް ޔުނައިޑެޓުންނެވެ. މި ގޮތުން އެޓީމުން އުފެއްދިން މުހިއްމު ހަމަލާތަކެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ސޭވްކޮށްފައެވެ.

މެޗުގައި ލިވަޕޫލަށް އެއްވަރުކޮށް ދިން ލަނޑު ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފް ނިމެންދަނިކޮށް މެޗުގެ 41 ވަނަ މިނެޓްގައި އެޓީމަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފާމީނޯއެވެ. ދެވަނަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައި ވަނީ ލިވަޕޫލުންނެވެ. މި ގޮތުން ލިވަޕޫލުގެ ފޯވަޑް މުޙައްމަދު ސަލާހް ލަނޑެއް ޖެހި ނަމަވެސް މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ ބެލުމަށް ފަހު ވަނީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި އެގޯލް ކަނޑައަޅާފައެވެ.

އެހެން ނަމަވެސް އޭނގެ މާ ގިނައިރު ތަކެއް ނުވެ ލިވަޕޫލްގެ ސާޑިއޯ މާނޭ ނަގާ ދިން ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން ލިވަޕޫލަށް ލީޑު ނަގައިދިނީ މިސީޒަންގައި އަލަށް އެޓީމާ ގުޅުނު ޑިއާގޯ ޖޮޓާއެވެ. މިއީ، މިސީޒަންގައި އޭނާ ލިވަޕޫލަށް ކާމިޔާބުކޮށް ދިން ދެވަނަ ލަނޑެވެ.

ފަހަތުން އަރާ 2-1 އަކުން މޮޅުވެގެން ލިވަލޫޕުން ހޯދި 3 ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ލީގު ތާވާލުގެ ދެވަނައިގައެވެ. މިސީޒަންގައި މިހާތަނަށް އެޓީމުން ހަ މެޗު ކުޅެފައިވާ އިރު ލިބިފައިވަނީ 13 ޕޮއިންޓެވެ.

ރޭގެ މެޗުން ބަލިވި ޝެފީލްޑް ޔުނައިޑެޓް މިހާރު އޮތީ ތާވާލުގެ ފުލުން ދެވަނަ 19 ވަނައިގައެވެ. މިހާތަނަށް 6 މެޗު އެޓީމުން ކުޅުނު އިރު ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.