ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، ކޮށީގައި ބަންދުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމާފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އެގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު" ގެ ދަށުން ހެދިފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނި ކަމަށް އީޕީއޭއިން ބުނެއެވެ. ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން އެފަދަ ދޫނި ހިފާ، ކޮށީގައި ބަންދުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، އެކަމަކީ އެއެޖެންސީން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާކަމެއް ކަމަށެވެ.

އެގޮތުން ފުޓްބޯޅަ ދަނޑުތަކުގައިއާއި ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން އެފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އީޕީއޭއިން ވަނީ ނަސޭހަތްތއެރިވެފައެވެ.

އޭގެ އިތުރުން ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" އާއި"ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ކަމަށް އީޕީއޭއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާޤާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން އެ އެޖެންސީން އަންގާ އެންގުންތަކާއި، އެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ހުރިހާފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އީޕީއޭ އިން ވަނީ އެދިފައެވެ.