އއ. ރަސްދޫގައި ގާއިމުކުރަމުންދާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ.

މާލޭގެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީ އަދި ސްޓެލްކޯ އާ ގުޅިގެން ރަސްދޫ ފެނުގެ ނިޒާމް ކޮމިޝަން ކުރުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އއ. ރަސްދޫގެ ފެނުގެ ނިޒާމް ފަރުމާކޮށް، ރަށުގައި 288,6 މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އަދި ރަށުގެ 297 ގެއެއްގައި ފެން މީޓަރު ބަހައްޓައި، އެގެތަކަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާދެވިފައެވެ.

ހަމައެހެންމެ އާރްއޯ ފެސިލިޓީ ބިލްޑިން އެއް ގާއިމްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް އާއި، ފެން ރައްކާކުރުމަށްޓަކައި 263 ޓަނުގެ 2 ތާންގީ ވަނީ ބެހެއްޓިފައެވެ. އަދި ވާރޭފެން ސާފުކުރުމަށްޓަކައި އަލްޓްރާ ފިލްޓްރޭޝަން ނިޒާމެއްގެ އިތުރުން ވާރޭފެން ރައްކާކުރުމަށްޓަކައި 703 ޓަނުގެ އެއް ތާންގީ ވެސް ވަނީ ބެހެއްޓިފައެވެ.

އޭގެ އިތުރުން އެމަޝްރޫއުގެ ދަށުން ފެން ތަހުލީލް ކުރުމަށް ބޭނުންވާ ލެބޯޓްރީ އަލާތްތަކާއި ސާމާނުތައްވެސް ފޯރުކޮށްދެވޭނެވެ.

އެ މަޝްރޫއަކީ 30 މިލިއަން ރުފިޔާއަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއުއެކެވެ.