ކޮފީއާޓް ނުވަތަ ނުވަތަ ކޮފީބޭނުން ކޮށްގެން ކުރަހައިގެން މުޅި ދުނިޔޭގައި މިހާތަނަށް ތައްޔާރުކުރި އެންމެ ބޮޑު ކުރެހުމުގެ ރެކޯޑާއެކު، ސައުދީ އަރަބިއްޔާގެ އަންހެނަކު، ސައުދީގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދައިފިއެވެ.
ކޮފީ ބޭނުންކޮށްގެން އޮހޫދު ޢަބްދުﷲ އަލްމަލްކީ ކުރެހި، 220 އަކަ މީޓަރު ހުންނަ މި ކުރެހުމުން ފެނިގެންދަނީ ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބާނީންގެ ދަރަޖައިގެ ލީޑަރުންނެވެ.
މިއީ ކޮފީ ބޭނުންކޮށްގެން މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ބޮޑު ކުރެހުން ކަމަށް ގިނިސް ވޯލްޑް ރެކޯޑްސްއިން އިއުލާން ކޮށްފައި ވާއިރު، މިއީ ސައުދީގެ އެންމެ އަންހަނެއްގެ މަސައްކަތަށް ގިނިސް ވޯލްޑް ރެކޯޑްސްއިން ޖާގަ ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.
2 ހެކިވެރިންގެ ކުރިމަތީގައި، އޮހޫދު މި ކުރެހުން ނިންމާލީ 45 ދުވަހުގެ މަސައްކަތުންނެވެ. "ނަސީޖް-1"ގެ ނަން ދީފައިވާ މި ތަސްވީރުން އެންމެ ބޮޑަށް ސިފަވާން ހުންނަނީ ސައުދީގެ އަވަހަރާވެފައިވާ ރަސްގެފާނު ޢަބްދުލް ޢަޒީޒު ބިން ސައުދުއާއި ޔޫއޭއީގެ އަވަހާރަވެފައިވާ ލީޑަރު ޝައިހު ޒައިދު ބިން ސުލްތޯން އަލް-ނަހްޔާންއެވެ. 2 ލީޑަރުންގެ ތަސްވީރުގެ ތިރިން، ގަލްފު ސަރަހައްދުގައި އޮތް މި 2 ގައުމުގެ އިތުރު ލީޑަރުންގެ ތަސްވީރުތައްވެސް ހިމަނާފައިވެއެވެ.
އޮހޫދު ބުނެފައި ވާ ގޮތުގައި މި މަސައްކަތަކީ ސައުދީއާއި ޔޫއޭއީގެ ތާރީހީ ގުޅުމުގެ މަތިން ހަނދާން އާކޮށްދިނުމެވެ. އަދި މި ކާމިޔާބީއަކީ ސައުދީގައި އަންހެނުން ބާރުވެރި ކުރުވުމަށްވެސް ދެވޭ ހިތްވަރަކަށް ވާނެކަމަށް އޭނާ އުއްމީދު ކުރެއެވެ.
ގިނިސް ވޯލްޑް ރެކޯޑްސްއިން އާންމު ކޮށްފައިވާ ބަޔާނުގައި ވާ ގޮތުން، އޮހޫދުގެ ކުރެހުން ފުރިހަމަ ކޮށްފައިވަނީ މުއްދަތު ހަމަވެފައިވާ 4.5 ކިލޯގްރާމްގެ ކޮފީ ބޭނުންކޮށްގެންނެވެ.
2015 ވަނަ އަހަރު، ސައުދީ އަރަބިއްޔާގެ 8264 އަންހެނަކު ވަނީ، އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބޭނުން ކުރާ ރިބަން ސިފަވާ ގޮތަށް ބިންމަތީގައި ސަފުހަދައިގެން، "ހޭލުންތެރިކުރުވުމަށް ތައްޔާރުކުރި އެންމެ ބޮޑު އިންސާނީ ރިބަން"ގެ ރެކޯޑް ހޯދާފައެވެ.