ދިވެހިންގެ އަތްތެރި މަސައްކަތަކީ ކާބަފައިން މިއަދުގެ ޖީލާ ހަމައަށް ގެނެސްދީފައިވާ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރި ވާނެ ފަދަ މަސައްކަތެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ މިހާރު ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވާ ފަތުރުވެރިކަން ކުރި އެރުވުމަށް ދިވެހި ސަގާފީ ތަރިކައިގެ މުހިންމު ކަމެވެ.

ލެޖިސްޓްލޭޓިވް އެޖެންޑާ، ސަރުކާރުގެ ފަރާތުން ރައްޔިރުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަދި ހުށަހަޅަން ގަސްތުކޮށްފައިވާ ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ ވާހަކަ ދައްކަވަމުން މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ އެ ގާނޫނު ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މިހާރު ހުރި ސަގާފީ ތަރިކަ އަކީ ކޮބައިކަން ދެނެގަތުމަށާއި މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ ރައްކާތެރި ކުރުމަށް ކަމަށެވެ.

އެ ގާނޫނުގެ ސަބަބުން ދިވެހިންނަށް ދިވެހިންގެ އަސްލު އެންގިގެންދާނެ ކަމަށާއި ތާރީހުގެ އިތުރުން ބަހާއި އާދަކަދާ އިތުރަށް ދަސްވެގެން ދާނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އޭގެ އިތުރުން ތަރިކަ ރައްކާތެރި ކުރެވޭނެ އުސޫލުތަކެއް ކަނޑައެޅިގެން ދާއިރު އޭގައި މާއްދީ ތަރިކަ އާއި މައުނަވީ ތަރިކަ ހިމެނޭ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މާއްދީ ތަރިކަ އަކީ އަސާރީ ތަންތަނާއި ތަކެއްޗާއި ދުވަސްވީ ސަރަހައްދުތަކެވެ. މައުނަވީ ތަރިކައިގެ ގޮތުގައި ހިމެނެނީ ބަހާއި އަދާކާދަ އައި އުޅެމުން އައިސްފައިވާ ގޮތްތަކެވެ. އެގޮތުން ސަގާފީ ކުޅިވަރު ތަކާއި އަތްތެރި މަސައްކަތްތައް ހިމެނެއެވެ.

ރޯދައަށް މާލޭ ހުކުރު މިސްކިތް އާބާތުރަފިލުވައި ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ރައީސް ސޯލިހު އަދި މިނިސްޓާ ޔުމްނާ / ފޮޓޯ: ހެރިޓޭޖް މިނިސްޓްރީ

އެ ގާނޫނުގެ ސަބަބުން މިނިސްޓްރީގެ މައްސޫލިޔަތާއި ކައުންސިލްތަކުގެ ޒިންމާގެ އިތުރުން އަމިއްލަ ފަރުދުންގެ ޒިންމާ އެނގިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަގާފީ ތަރިކަ ބެލެހެއްޓުމާއި ގެއްލުމެއް ދީފިނަމަ ކަނޑައެޅިފައިވާ އަދަބުތައް އެ ގާނޫނުގައި ބާޔަންކޮށްފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. ނަމަވެސް ގާނޫނުނެއް އެކަނި އޮތުމުން އެކަމުން އޭގެ ފައިދާ ނުކުރާނެ ކަމަށައި އާންމު ފަރުދުންވެސް ޒިންމާ އަދާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އިޖުތިމާއީ ފައިދާތައް ވަރަށް ގިނަ، އެއީ ދިވެހިންނަށް ދިވެހިންނަކީ ކޮން ބައެއްކަން ކޮންތާކުން އައި ކިހިނެތް އުޅެމުންއައި ބައެއްކަން ދެނެގަނެ، ތާރީހާއި ބަހާއި އާދަކާދަ ދަސްވެގެންދޭ
ޔުމްނާ މައުމޫން

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން އިގްތިސޯދީ ފައިދާތަކެއް ލިބޭނެ ކަމަށާއި އެކަމުން ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުން ލިބި ދިވެހިންނަށްވެސް ސަގާފީ ތަރިކަ ރައްކާތެރި ކުރެވޭނެ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މީގެން އިގްތިސޯދީ ފައިދާ ތަކެއްވެސް ލިބިގެން ދާނެ ކަމަށް އުންމީދު ކުރެވޭ، އެއީ ސަގާފީ ފަތުރުވެރިކަމުގެ ތެރެއިން އެ ރަށެއްގައި ހުރި ސަގާފީ ތަރިކައެއް ރައްކާތެރި ކޮށް ދިވެހިންނަށާއި ފަތުރުވެރިންނަށް ދައްކާލެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދިޔުމުން އޭގެ ތެރެއިން އިގްތިސޯދީ ނަފާއެއް ރަށަށްވެސް ލިބިގެންދާނެ ކަމަށް އުންމީދު ކުރަނީ
ޔުމްނާ މައުމޫން

ރާއްޖޭގެ ސަގާފަތާ ބެހޭ އިދާރާއިން މިހާރު ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޔުނެސްކޯގައި ސަގާފީ ތަރިކައިގެ ދުނިޔޭގެ ފެންވަރުގެ ލިސްޓުގައި ރާއްޖޭގެ ތަރިކައިގެ ގޮތުގައި ހިމެނޭ "ހިރިގަލު މިސްކިތް" ހިމެނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ޔުމްނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖެ މުޅި ދުނިޔެއަށް މަޝްހޫރުވެ، ރާއްޖއަަކީ ނަމޫނާ ގައުމަކަަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އާރޓްސް،ކަލްޗާ އެންޑް ހެރިޓޭޖްގާ މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ތާރީހް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަހްމަދު އަލާ ވިދާޅުވީ ރާއްޖެއަކީވެސް ވަރަށް ޒަމާންވީ ގަދީމީ ހަޟޯރަތެއްގެ އޮންނަ ގައުމެއް ކަމަށެވެ.

އެގޮތުނާ ރާއްޖޭގައިވެސް ތާރީހް ދިރާސާ ކުރައްވާ އިލްމުވެރިންނާއި އެހެނިހެން ބޭބޭފުޅުންގެ ބަސްތަކުގެ ހެކިން އެނގިލައްވާ ގޮތުގައި ރާއްޖޭގެ ތާރީހަކީ 2500 އަށްވުރެ ގިނަ އަހަރުވެފައިވާ ދައުލަތެއް ކަމަށާއި އެހެން ކަމުން އެ ކަމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމަކުން ފަހުރިވެރި ވާން ޖެހޭ ވަރުގެ ކަމެއް ކަމަށްވެސް އަލާ ވިދާޅުވިއެވެ.

މިނިސްޓަރ އޮފް އާރޓްސް،ކަލްޗާ އެންޑް ހެރިޓޭޖްގާ މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ތާރީހް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ އަހްމަދު އަލާ / ފޮޓޯ: މިހާރު

ސަބަބަބީ 2500 އަހަރުވީ އިރުވެސް އެއްވެސް އިތުރު ބައެއްގެ އަޅުވެތި ކަމަށް ނުގޮސް މިނިވަނަކަން މަތީ ދެމިއޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންތަކަން ދެމިއޮތް ފަހުރާއެކު އަންނަން އޮތް ޖީލަށް މިނިވަން ކަމާއި ރާއްޖޭގެ ތާރީހީ، ތަރިކަ ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލުގެ ކޮންމެ ފަރުދެއްގެ ވާޖިބެއް ކަމަށެވެ.

އެ ވާޖިބު އަދާ ކުރުމަށް ރާއްޖޭގެ ސަގާފީ ތަންތަނާއި ތަރިކައާއި ދިވެހި ބަހާމެދު ލޯބި އުފެދެން ޖެހޭ ކަމަށާއި އެ ލޯބި އުފެދޭނީ ސަގާފީ ތަންތަނާއި ތަރިކައާމެދު ހޭލުންތެރިކަން އުފެދިގެން ކަމަށް އަލާ ވިދާޅުވިއެވެ. އެގޮތުން ސަގާފީ ތަރިކައިގެ ގާނޫނެއް ތަސްދީގު ކުރެވިގެން ދިއުމަކީ އެޅުނު އެންމެ ރަނގަޅު ފިޔަވަޅު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރެވިގެން ސަގާފީ ތަންތަނާއި ތަރިކައާ ބެހޭ ގޮތުން، ހޭލުން ތެރިކަން އިތުރު ކުރުމަށް އެޅިގެން ދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އަޅުގަނޑު ދެކެނީ ސަގާފީ ތަރިކައިގެ ގާނޫނެއް ތަސްދީގު ކުރެވިގެން ދިއުމަކީ، އެއީ އަޅުގަނޑުމެންގެ ގައުމިއްޔަތެއް ބިނާ ކުރުމުގެ އެންމެ މައިގަނޑު ބިންގާ ކަމަށްވެސް އަޅުގަނޑު ދެކެން
އަލާ

ރާއްޖޭގެ ތަރިކައިގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ގަބޫލުކުރާ ހިރިގަލު މިސްކިތްތަކާއި މަހާނަ ގާތަކަކީ ރާއްޖެއަށް އަރާ ކޮންމެ ފަތުރުވެރިއެއްގެ ލޯ އަމާޒުވެފައިވާ ބިނާތަކެކެވެ. އެ ބިނާތަކަށް ކަބަފައިން ކޮށްފައިވާ ކުޅަދާނަ މަސައްކަތަކީ ދުނިޔޭގެ އެއްވެސް ތަނެއްގާ ކޮށްފައިވާ މަސައްކަތެއް ނޫންކަމަށް ތާރީހް ދިރާސާކުރާ މާހިރުން ވިދާޅުވެއެވެ.

ގަލު ވަޑާމުގެ އެ މަސައްކަތް އުފަންވި ތާރީހެއް ނޭނގެއެވެ. ސައިންސް ވެރިން ބުނަނީ ވަޑާން ކުރާ މީހުން އެވަޑާން ގަލަށްވެސް ގެނައީ ކަމަށެވެ. ވަޑާން އެކި ގޮތް ގޮތަށް ކޮށާ މަށާގެން ގެންނަ ސޫރައަށް ކިޔަނީ ކުރަހަނި ކަމެވެ. (ގާ ކޮށާ މަށައިގެން އެއަށް ކޮންމެވެސް ކަހަލަ ސޫރައެއް ގެންނަ ކޮންމެ މަސައްކަތެއް) އެ މަސައްކަތަކީ ފައިސާދީ (އުޖޫރަ) ދީގެންވެސް އެޒަމާނުގައި ސަރުކާރުން ކޮށް އުޅުނު މަސައްކަތެއް ކަމަށް ބުނެވެއެވެ. ކުރަހަނިކަން ކޮށްފައި ހުންނަ ކޮންމެ ކެނޑުމަކުން ދައްކައިދެނީ ދިވެހިންގެ ވަރަށް ގިނަ މެސެޖް ތަކެކެވެ. ދިވެހިންގެ ދިރި އުޅުމާއި ވަށްޓަފާޅި ދައްކުވައި ދެއެވެ.

މާލެ ހުކުރު މިސްކިތުގައި ކޮށްފައިވާ ގަލު ވަޑާމުގެ މަސައްކަތް / ފޮޓޯ: ސޯޝަލް މީޑިއާ

ކުރަހަނިކަން ކުރުމަކީ މިހާރު އުވިގޮސްފައިވާ ކަމެއް ނަމަވެސް ލިޔެލާ ޖެހުމުގެ މަސައްކަތަކީ މިހާރުވެސް ދިވެހިން ކޮށްއުޅޭ މަސައްކަތެކެވެ. ނަމަވެސް ކުރިއާ މިހާރު މިމަސައްކަތް ކޮށް އުޅޭގޮތް ތަފާތެވެ. ލާފެން ކުރުމަކީ ލަކުޑީގައި އަތުން ކަނޑައި ނަގައިގެން ކޮށްފައި ހުންނަ ކަވި މަސައްކަތްތަކެވެ.

ބުނެވޭގޮތުގައި މާލޭގެ ހުކުރު މިސްކިތުގާ ލިޔެފައިވާ ފޮންޓަކީ އިސްކަންދަރު ފޮންޓެވެ. އިސްކަންދަރު ފޮންޓަކީ ސުލުސް ފޮންޓާއި އެކި ކަހަލަ ބައެއް އަރަބި ފޮންޓުތަށް އެކުލަވާ ގެނެސްފައިވާ ފޮންޓެކެވެ. މީ ދިވެހި ރާއްޖެއަށް ހާއްސަ ފޮންޓެކެވެ. މި ފޮންޓަކީ ދިވެހި އާރޓިސްޓުން އީޖާދު ކުރި ފޮންޓެކެވެ. މި ފޮންޓުން ލިޔަން ދަންނަ މިހާރު ދުނިޔޭގައި ހުރީ އެންމެ މީހެއް ކަމަށް ބުނެވެއެވެ. އެއީ ކުޑަ ރިކިލު އިބަރާހިމްފުޅެވެ. ލިޔެލާ ޖެހުން ފެށިފައިވަނީ ބ އަތޮޅު ލުންފަރެސް މީހުންގެ ފަރާތުން ކަމަށް ބުނެ އުޅެއެވެ.