ޗައިނާއާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބޭންކު އެކައުންޓެއް ޗައިނާގައި ހިންނަ ކަމަށާ، ޗައިނާގައި ޓްރަމްޕް ވިޔަފާރި ކުރައްވާތާ އެތައް އަހަރެއް ވެފައި ވާ ކަމަށް ނިއުޔޯކް ޓައިމްސް (އެންވައިޓީ) އިން ރިޕޯޓްކޮށްފިއެވެ.
ޗައިނާގައި އޮންނަ ކަމަށް ބުނާ ޓްރަމްޕްގެ ބޭންކު އެކައުންޓަކީ ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްސް މެނޭޖުމަންޓުން ކޮންޓްރޯލް ކުރާ އެކައުންޓެއް ކަމަށާ، 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު، މި އެކައުންޓުން ޗައިނާއަށް ޓެކްސް ދައްކާފައި ވާ ކަމަށްވެސް އެންވައިޓީގެ ރިޕޯޓާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ޚަބަރު ދެއެވެ.
މި މުއްދަތުގައި ޓްރަމްޕްގެ ކުންފުނިން، ޓެކްސްގެ ގޮތުގައި 188561 ޑޮލަރު، ޗައިނާއަށް ދައްކާފައި ވާ ކަމަށް އެންވައިޓީއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޓްރަމްޕްގެ ތަރުޖަމާނަކު ހާމަ ކުރެއްވި ގޮތުގައި، މިއީ އޭޝިއާ ސަރަހައްދުގައި ހޮޓެލްގެ ވިޔަފާރި ތަނަވަސް ކުރެވިދާނެ ފުރުސަތުތައް ދެނެގަތުމުގެ ގޮތުން ކުރި ކަމެކެވެ.
ކަން މިހެން އޮތްއިރު، ޓްރަމްޕަކީ އެމެރިކާގެ ކުންފުނިތަކުން ޗައިނާގައި ވިޔަފާރި ކުރުމާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރައްވާ، އެ ފުރުސަތު ބަންދު ކުރެއްވުމަށް ބާރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާ ލީޑަރެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ 2 އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއްވެސް ޓްރަމްޕުގެ ސިޔާސަތުތަކުގެ ސަބަބުން ވަނި ފެށިފައެވެ.
އެންވައިޓީގެ ރިޕޯޓާއި ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަންގެ ވަކީލު އެލަން ގާޓެން ވިދާޅުވީ، މިއީ ވާހަކަތަކެއް ދައްކަން ވެގެން ބަޔަކު ފަތުރާ ވާހަކަތަކެއް ކަމަށާ، އޭގައިވާ ތުހުމަތުތަކަކީ ސައްހަ ކަމެއް ނެތް ކުށްހީތަކެއް ކަމަށެވެ. ގާޓެން ވިދާޅުވީ، ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލްސް މެނޭޖުމަންޓުން ޗައިނާގައި ބޭންކު އެކައުންޓެއް ހުޅުވީ، ޗައިނާއަށް ދައްކަންޖެހޭ ޓެކްސް ހުރުމުން ކަމަށާ، 2015 ވަނަ އަހަރަށް ފަހު އެއްވެސް ވަރެއްގެ މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ޗައިނާގައި ހިންގި ޓްރަމްޕްގެ އޮފީހުގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށް ގާޓެން ވަނީ ވިދާޅުވެފައެވެ.
އެންވައިޓީއިން ބުނާ ގޮތުގައި ޗައިނާގެ އިތުރުން ބްރިޓަން އަދި އަޔަލަންޑްގައިވެސް ޓްރަމްޕްގެ ބޭންކު އެކައުންޓްތަކެއް އެބަހުއްޓެވެ.
މި ދުވަސްވަރަކީ، ނޮވެމްވަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް އެންމެ ފޯރީގައި ޓްރަމްޕް ކެމްޕޭން ކުރައްވަމުން ގެންދަވާ ދުވަސްވަރެވެ.