ނިމިދިޔަ ސެޕްޓެމްބަރު މަހުން ދުވަހެކެވެ. އަނިލް ހިއްބާރުގެ ގާތް ރަހުމަތްތެރިއަކު، މި ދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްލި ދުވަހެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ޝިކާރައަކަށްވެ، އެކުވެރިޔާ އެންމެ ފަހު ނޭވާ ދޫކޮށްލީ، 5 ދުވަސް މަތިން 3 ހޮސްޕިޓަލަކަށް ގެންދެވުނު ފަހުންނެވެ.

އަނިލްއަކީ ސިއްހީ އާލާތްތައް ވިއްކުމުގެ ވިޔަފާރި ކުރަމުން އައި މީހެކެވެ. އަނިލް ވަނީ، އުމުރުން 62 އަހަރުގެ ރަހުމަތްތެރިޔާގެ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅުތަކުގައި އޭނާގެ ގާތަށް ޒިޔާރަތް ކޮށްފައެވެ. އިޖުތިމާއީ ހިދުމަތްތެރިއެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރަމުންދިޔަ އެކުވެރިޔާ މަރުވުމުގެ ވަގުތުކޮޅެއް ކުރިން، އިންޓެންސިވް ކެއާ ޔުނިޓަށް އަނިލް ޒިޔާރަތް ކުރިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަވަށްޓެރި އިންޑިއާގައި މަރުވި މީހެއްގެ ހަށިގަނޑު، ވެރިރަށް ނިއުދިއްލީގެ ސަހަރާއެއްގައި ވަޅުލަނީ/ފޮޓޯ: މަނީޝް ރާޖްޕުތް

އިޖުތިމާއީ ހިދުމަތްތެރިޔާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އަނިލްއާ އަބަދުގެ އަބަދަށް ވަކިވި ހަމައެކަނި މީހާއެއް ނޫޏެވެ. މާޗް މަހުން ފެށިގެން މިހާ ހިސާބަށް އާދެވުނުއިރު، އަނިލްގެ ހިތުން ޖާގަ ދިން 10 މީހަކު ވަނީ ކޮވިޑް-19ގައި މަރުވެފައެވެ. އިންޑިއާގެ ކޮވިޑް-19 ހޮޓްސްޕޮޓެއް ކަމަށްވާ މުމްބާއީއިންނެވެ. އެ ސިޓީއިން މިހާތަނަށް 230000 ޕޮޒިޓިވް ކޭސް ރެކޯޑް ކޮށްފައިވެއެވެ.

"ހިތަށް ވަރަށް އަސަރުކުރޭ. މިއީ ހުއްޓުވަންޖެހޭ ކަމެއްކަން އަހަރެންނަށް ގަބޫލު ކުރެވޭ. ކޮވިޑް-19އަށް ވެކްސިނެއް ހޯދަން ހިންގާ ތަހުލީލުތަކުގައި ބައިވެރިވާން ވޮލަންޓީއާ ކުރީ މި ސަބަބާ ހެދި"، އުމުރުން 56 އަހަރުގެ އަނިލް ކިޔައިދިނެވެ.

ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަސްޓްރާޒެނީކާއާއި އޮކްސްފޯޑްގެ ވެކްސިންގެ ތަހުލީލީ މަރުހަލާގެ ވޮލަންޓިއަރެއްގެ ގޮތުގައި އަނިލް، އޭނާގެ ނަން ދަފުތަރުކުރީ މިމަހު ކުރީކޮޅުއެވެ.

އިންޑިއާގެ ފަރީދުއާބާދުގައި ސިރިންޖު ބަންދުކުރާ ކާރުހާނާއެއްގައި މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ސަޖަދު ހަސަން

އަސްޓްރާޒެނީކާއާއި އޮކްސްފޯޑްގެ ވެކްސިން ފަރުމާ ކޮށްފައިވަނީ ޗިމްޕަންޒީތަކަށް ޖެހޭ އިންފެކްޝަނަކުން ވައިރަސް ނަގާ، އެ ބަލިކަށިކޮށް، އިންސާނުންނަށް އެ ބަލި ނާރާނެ ގޮތަށް ޖީން މޮޑިފައިކޮށްގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19ގެ ވެކްސިންގެ ގޮތުގައި 180 ކެންޑިޑޭޓެއް ދަފުތަރުކޮށްފައި ވާއިރު، އަސްޓްރާޒެނީކާއާއި އޮކްސްފޯޑްގެ ވެކްސިނަކީ އެންމެ އުއްމީދީ އެއް ވެކްސިންވެސްމެއެވެ.

އަސްޓްރާޒެނީކާއާއި އޮކްސްފޯޑްގެ ވެކްސިން ތަހުލީލުތައް އިނގިރޭސިވިލާތް، ބްރެޒިލް، ދެކުނު އެފްރިކާ އަދި އިންޑިއާގައި ކުރިއަށް ގެންދާއިރު، އަނިލް ހިމެނެނީ މި ދިރާސާގައި ބައިވެރިވާ 20000 އަށް ވުރެ ގިނަ ވޮލަންޓިއަރުންގެ ތެރޭގައެވެ. އިންޑިއާއިން 1600 އެއްހާ މީހުން މި ދިރާސާގައި ވޮލަންޓިއާ ކުރެއެވެ.

މާ ބޮޑު ޔަގީންކަމެއް ނެތްތާ، ނުރައްކާތަކެއްވެސް ކުރިމަތިވެދާނެ ފަދަ ދިރާސާއެއްގައި ބައިވެރިވުމަށް ވޮލަންޓިއާ ކުރި އިރު، އޭނާގެ އާއިލާގެ ރުހުން ހޯދުމަށްވެސް އަނިލްއަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އަނިލްގެ އަނބިމީހާއަކީ، ސޯޝަލް ސައެންސަސް ސްކޫލެއްގެ ޕްރޮފެސަރެކެވެ. ނަމަވެސް، އަނބިހާގެ ރުހުން ހޯދަންވެސް އަނިލްއަށް މާ ފަސޭހައެއް ނުވިއެވެ. އުމުރުން އެންމެ 11 އަހަރުގެ ދަރިފުޅުގެ ފަރާތުންވެސް އެތައް ސުވާލެއް އަނިލްއަށް ކުރިމަތިކުރިއެވެ. 2 ވެކްސިނެއްގެ ތަހުލީލުތަކުގައި ބައިވެރިވި 2 ވޮލަންޓިއަރަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ތަހުލީލިތައް މަޑުޖައްސާލުމުން، އަނިލްގެ އާއިލާގެ ހާސްކަންވެސް އިތުރުވިއެވެ.

ނަމަވެސް، މިއިން އެއްވެސް ކަމެއް އަނިލްއަށް ހުރަހަކަށް ނުވިއެވެ. އަނިލް ވަނީ އަސްޓްރާޒެނީކާއާއި އޮކްސްފޯޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނަގާފައެވެ. ދެވަނަ ޑޯޒް ނަގަން ޖެހެނީ އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅުއެވެ. އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ކުރިއަށް އޮތް 6 މަސް ދުވަހަކީ މުހިންމު ދުވަސްތަކެކެވެ. ކޮންމެ މަހަކު އެއްފަހަރު ހޮސްޕިޓަލަށް ދާންޖެހެއެވެ. އެކި ކަހަލަ ޗެކަޕްތައް ހަދަންޖެހެއެވެ.

އަވަށްޓެރި އިންޑިއާގައި މީހެއްގެ ހަށިގަނޑުން ކޮވިޑް-19އަށް ސާމްޕަލް ނަގަނީ/ފޮޓޯ: ޕަނީތު ޕަރަންޖުޕޭ

"ވެކްސިން ޖެހުމަކީ މާ ބޮޑު ކަމެއް ނޫން. ތަދެއްވެސް ނުވޭ. ކުޑަކޮށް ވަރުބަލިކަމެއް އިހުސާސްވަނީ. ފަހަރެއްގެ ވެދާނެ މާ ގިނައިން ބޭރުގައި އުޅެވުނީމަ ކަމަށްވެސް" ވެކްސިންގެ ތަޖުރިބާ ކިޔައިދެމުން އަނިލް ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް 1.3 ބިލިއަން މީހުންގެ ބޮޑު އަބާދީއެއް އޮތް އިންޑިއާ ލޮކްޑައުން ކުރުމާއެކު އަނިލް، އޭނާގެ ވިޔަފާރި ހުއްޓާލިއެވެ. 45 މުވައްޒަފަކު ގެއަށް ފޮނުވާލުމަށްފަހު، ރިލީފް ހިދުމަތަށް ނިކުތެވެ. އޭގެ ފަހުން، 28000 ކިލޯމީޓަރުގެ ރާސްތާއަކަށް އަނިލް ދުއްވައިފިއެވެ. ކާބޯތަކެތި ބަންދުކޮށްފައިވާ އެތައް މިލިއަން ޕެކެއް ހިފައިގެންނެވެ. ބޯހިޔާވަހިކަމާއި، ވަޒީފާ ގެއްލިފައި ވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަނިލް އުޅެނީ އަވަދިނެތިއެވެ.