އިންސާނުން ބައިވެރިކޮށްގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް "ގޮންޖެހުމުގެ" ފަލްސަފާއަށް ބިނާކޮށް ފުރަތަމަ ފަހަރަށް އޯޕަން އޯފަން އިން ކުރިއަށް ގެންދާ ތަހުލީލުތަކުގައި ބައިވެރިވުމުގެ ކޮންޓްރެކްޓްގައި އިނގިރޭސިވިލާތުގެ ސަރުކާރުން ސޮއިކޮށްފިއެވެ.
މި ފަލްސަފާއަކީ ދުޅަހެޔޮ ހާލުގައި ތިބި ވޮލަންޓިއަރުން، ކޮންޓްރޯލް ކުރެވިފައިވާ ވެއްޓެއްގައި ބައިތިއްބައިގެން، ގަސްތުގައި ކޮވިޑް-19އަށް އިންފެކްޓް ކުރުވައިގެން ތަހުލީލު ހިންގާ ފަލްސަފާއެކެވެ. މި ދިރާސާގެ ބައެއް ބައިވެރިންނަށް ތަހުލީލީ ވެކްސިނެއްވެސް ދޭނެއެވެ.
ލަންޑަންގެ ރޯޔަލް ފްރީ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ މި ތަހުލީލުތަކުގައި ކޮންމެ ފަހަރަކުވެސް 19 ވޮލަންޓިއަރަކު ބައިވެރިވާނެއެވެ. މި ހޮސްޕިޓަލަކީ ބައޮސޭފްޓީ ސްޓޭންޑަޑްގެ ވޯޑެއް ހުންނަ ހޮސްޕިޓަލެކެވެ. މި ތަހުލީލުތައް ކުރިއަށް ގެންދާނީ އޯޕަން އޯފަންގެ ސަބްސިޑަރީއެއް ކަމަށްވާ އެޗްވީވޯއާއި އިމްޕީރިއަލް ކޮލެޖު ލަންޑަން ގުޅިގެންނެވެ.
މައުލޫމާތު ލިބިފައި ވާ ގޮތުގައި މި ތަހުލީލުތަކުގެ ފުރަތަމަ ފިޔަވަޅުތައް އަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. ކުރިއަށް އޮތް 2021 ވަނަ އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް 3 ވެކްސިނެއްގެ ކާމިޔާބީ ވަޒަން ކުރެވޭ ވަރު ވާނެ ކަމަށްވެސް އޯޕަން އޯފަން ކުންފުނިން ބުނެއެވެ.
އިނގިރޭސިވިލާތުގެ ބިޒްނަސް ސެކްރެޓަރީ އަލޯކް ޝަރުމާ ވިދާޅުވީ، ފަރުވާތެރިކަމާއެކު ކޮންޓްރޯލް ކުރެވިގެން ކުރިއަށް ގެންދާ މި އިންގިލާބީ ދިރާސާއަކީ، ދެން ކުރިއަށް އަޅަން އޮތް މުހިންމު ފިޔަވަޅެއް ކަމަށެވެ. ކޮވިޑް-19އިން ދިފާއުވުމަށް ރައްކާތެރި އަދި ކާމިޔާބު ވެކްސިނެއް ހޯދައިގެން މި ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމަށް، ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާ ކަމަށްވެސް ޝަރުމާ ވަނީ ފާހަގަ ކުރައްވާފައެވެ.
މިފަދަ ދިރާސާއެއް ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އޯޕަން އޯފަން ކުންފުންޏާއެކު ކޮންޓްރެކްޓެއް އެކުލަވާލި ނަމަވެސް، ޔޫކޭގެ ހެލްތް ރެގިއުލޭޓަރު ނުވަތަ އިންގްލަންޑްގެ ހެލްތް ރިސާޗް އޮތޯރިޓީގެ ހާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ.