އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަހު ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލާގައި ބަދަލު ކުރަމުންދާ އަސްކަރީ ހަމަލާތަކުގެ މިސައިލު ހަމަލާއެއް، އަޒަރުބައިޖާންގައި އާންމުން ދިރިއުޅެމުން ދިޔަ ސަރަހަދަކަށް އަމާޒުވެ، މަރުވި 13 މީހުންގެ ތެރޭގައި ހިމެނޭ މަންމައަކާއި އޭނާގެ 16 މަހުގެ ދަރިފުޅު ވަޅުވީ އެއް ވަޅުގަނޑެއްގައެވެ.

ޒުލޭހާ ޝާހްނަޒަރޯވާއާއި އޭނާގެ ދަރިފުޅު، މަދީނާ ޝާހްނަޒަރުލީ މަރުވި މިސައިލް ހަމަލާގައި، ބައްޕަ- ރޫޔާލް ޝާހްނަޒަރޯވާވެސް ވަނީ މަރުވެފައެވެ.

ޒުލޭހާއާއި ރޫޔާލްގެ ދެމަފިރިންގެ ހަދީޖާ ޝާހްނަޒަރުލީގެ ފުރާނަ ސަލާމަތްވިއެވެ. ޔަތީމު ހާލުގައި އޮތް ހަދީޖާއަށް މިހާރު ފަރުވާ ދެމުންދަނީ ބަރްދާ ސިޓީގެ ހޮސްޕިޓަލެއްގައެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ހަމަލާ އަމާޒުވި ވަގުތަކީ އެންމެން ނިދާފައި ތިބި ވަގުތެކެވެ. އަޒަރުބައިޖާންގައި 2 ވަނައަށް އެންމެ ބައިބޯ އެއް ސިޓީއަށް އަމާޒުކޮށް މިސައިލް ހަމަލާ ދިނީ އަރުމީނިއާ އިން ކަމަށް އަޒަރުބައިޖާން އިން ތުހުމަތު ކުރެއެވެ. އަރުމީނިއާ އިން މި ތުހުމަތަށް އިންކާރު ކުރެއެވެ. މެދުކެނޑުމެއްނެތި ހަމަލާ ދެނީ އަޒަރުބައިޖާން އިން ކަމަށް އަރުމީނިއާ އިން ބުނެއެވެ.

މި ދަނޑިވަޅަކީ ދެބައި މީހުންގެ ދެމެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއް ނަމަވެސް، މަސްރަހުން ދެނީ އެހެން މެސެޖެކެވެ.

ނަގޮރްނޯ-ކަރަބަހު ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ. ނަގޮރްނޯ-ކަރަބަހު ސަރަހައްދަކީ އަޒަރުބައިޖާން އާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ.