ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހާލަތަށް ރިއާޔަތް ކުރާއިރު، ކުރިއަށް އޮތީ އެމެރިކާއަށް އިންތިހާއަށް ނުރައްކާތެރި ދުވަސްތަކަށް ވެދާނެ ކަމަށް، ކޮވިޑް-19ގެ މޮޑެލް ތައްޔާރު ކުރުމުގައި ނުފޫޒުގަދަ ތަޖުރިބަކާރަކު އިންޒާރު ކުރައްވައިފިއެވެ.

ހުކުރު ދުވަހު ފްލޮރިޑާގައި ކުރިއަށް ގެންދިޔަ ސިޔާސީ ރެލީއެއްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގެ ހާލަތު ހެޔޮ ފާލަކަށް އެޅެމުން އަންނަ ކަމަށް އިޝާރާތް ކުރައްވާފައެވެ.

ނަމަވެސް، ކޮވިޑް-19ގެ މޮޑެލް ތައްޔާރު ކުރުމުގައި އެންމެ ނުފޫޒުގަދަ ތަޖުރިބާކާރުގެ ގޮތުގައި ސިފަކުރަމުން އަންނަ ޑރ ކްރިސް މަރީ ވިދާޅުވަނީ ތަފާތު ވާހަކައެކެވެ.

ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަންގެ ޑައިރެކްޓާ ޑރ މަރީ ވިދާޅުވީ، އެމެރިކާގެ ކޮވިޑް-19ގެ ޗާޓަށް ބަލާއިރު މިހާރުވެސް ކަން ހިނގަމުން ދަނީ ކުރިންވެސް ލަފާ ކޮށްފައިވާ ގޮތަށް ކަމަށެވެ. ވިލާތުގެ އުތުރުގެ ސަރަހައްދުތަކުގައި ކޭސް އިތުރުވަމުން ދާ ކަން ފާހަގަކުރައްވާ ޑރ މަރީ ވިދާޅުވީ، އެމެރިކާވެސް މިހާރު މިސްރާބު ޖަހާފައި ވަނީ އެ ދިމާލަށް ކަމަށެވެ.

ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން އިން އެންމެ ފަހުން އެކުލަވާލި ތަފާސް ހިސާބުތަކަށް ރިއާޔަތް ކުރައްވަމުން ޑރ މަރީ ވިދާޅުވީ، 2021 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަސް އަންނައިރު، ކޮވިޑް-19ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވާ މީހުންގެ އަދަދު 390000 އަށް އަރާނެ ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ނިމުނީ ނޫން ކަމަށާ، ހާލަތު އިތުރަށް ގޯސްވުން އަދި އޮތީ ކުރިއަށް ކަމަށްވެސް ޑރ މަރީ ވަނީ އިންޒާރު ކުރައްވާފައެވެ.

އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ، 8.2 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި 223644 މީހަކު ވަނީ މި ބަލީގައި އެގައުމުން މަރުވެފައެވެ.