ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށް މިސައިލާއި ބޮމުގެ ހަމަލާ ދީ ގޮއްވާލައި މަންޒަރުތައް ރެކޯޑް ކޮށް އާންމު ކުރާތީ, ޕީއާރު ބައި ހުއްޓާލައި ހަނގުރާމަ އަވަހަށް ނިންމާލަން އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

ޓްރަމްޕަކީ އިޒްރޭލާ އެންމެ ގާތް އެމެރިކާގެ ރައީސްކަމަށް އަމިއްލައަށް ސިފައް ކުރައްވާފައި ވާ އިރު އޭނާ ވިދާޅުވީ, ގާޒާގައި އާންމުން ދިރިއުޅޭ އިމާރާތްތައް ގޮއްވާލައި މަންޒަރުތައް އިޒްރޭލުން އާންމު ކުރަނީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ. ހަނގުރާމައިގެ ހާލަތުން ނަކަލު ކޮށް ފޮޓޯ އާއި ވީޑިއޯ އާންމު ކުރުމަކީ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށާއި, އިޒްރޭލުން އާންމު ކުރާ ވީޑިއޯ ތަކުގައި އާންމުންގެ އިމާރާތްތައް ގޮވާތަން ފެންނަ އިރު ގިނަ ބަޔަކަށް ގަބޫލު ކުރެވެނީ އެ އިމާރާތްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިބޭނެ ކަމަށެވެ. އެހެން ކަމުން އެއީ އާންމުން ބަލައިގަންނަ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވެއެވެ.

އެއާއެކު ދެން އޭނާ ވިދާޅުވީ, އަބަދުވެސް އިޒްރޭލަށް ތާއީދު ކުރައްވާ ކަމަށާއި އޭނާގެ ވެރިކަމުގައި ޖަރޫސަލަމަށް އެމެރިކާގެ އެމްބަސީ ބަދަލު ކުރެއްވުމަކީވެސް އެކަމުގެ މިސާލެއް ކަމަށެވެ.

ޖަރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ ސަރުކާރުން ބަލާ ތަނެވެ. ނަމަވެސް އެތަން އިޒްރޭލުން ގަދަކަމުން ހިފާ މީހުން އާބާދު ކުރުމުގެ އިތުރުން އިޒްރޭލުގެ އަތްދަށުން އެތަން ދިޔަ ނުދޭން އެމެރިކާގެ އެމްބަސީ ހުރީ އެތާ ހުޅުވާފައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ, އިޒްރޭލުން މިހާރު އެ ކުރާ ހަނގުރާމަ އަކީ ޕީއާރު ހަނގުރާމައެއް ކަމަށާއި ނަމަވެސް އެކަމުން ގެއްލުން ވަނީ އިޒްރޭލަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕީއާރު ބައި ނުހިނގާ ކަމަށާއި އެހެން ކަމުން އިޒްރޭލުން ކުރަން ޖެހޭ ކަމަކީ އަވަހަށް ހަނގުރާމަ ނިންމާލުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހުން ފެށިކަމެއް އެމީހުން ނިންމަން ޖެހޭ ކަމަށާއި, އެއާއެކު އާންމު ހާލަތަކަށް އަންނަން ޖެހޭ ކަމަށެވެ. އެއީ މުޅި ގާޒާ އެކީއެކަށް ފުނޑުފުނޑު ވާވަރުގެ ބޮމެއް ވައްޓާލައިގެން ކަމެއް ނުވަތަ މިހާރު ދޭ ހަމަލާތައް ހުއްޓާލައިގެން ކަމެއް ޓްރަމްޕް ހާމަ ކުރައްވާފައެއް ނުވެއެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 32,000 މީހުން ޝަހީދު ކޮށްލައިފިއެވެ. ޒަހަމްވި މީހުންގެ އަދަދު 76,000 ފަހަނައަޅާ ހިނގައްޖެއެވެ.