ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ނަބްލުސް ސިޓީއާއި ދާދި ކައިރީގައި އޮންނަ އަލް-އަގްރަބަންޔާގައި ދިރިއުޅެމުން އަންނަ އީމާން ތުރުކްމަންއަކީ ޓީޗަރެކެވެ. ދަނޑުވެރިއެކެވެ. ދަނޑުވެރިކަން ކުރުމާއި ދަނޑުބިންތައް ބެލެހެއްޓުމަކީ ދަރިވަރެއްގެ ގޮތުގައި އުޅުނު ދުވަސްވަރުން ފެށިގެން އަދާ ޖެހުނުއިރުވެސް އީމާންގެ ދިރިއުޅުމުގެ ބައެކެވެ.
ރަށްފުށުގެ އަންހެނުންނަށް އާމްދަނީ ހޯދާ ދިނުމުގެ މަގުސަދުގައި، ސަރަހައްދުގެ އިތުރު ބަޔަކާ އެކުވެގެން އީމާން، ޖަމިއްޔާއެއް އުފެއްދީ 2010 ވަނަ އަހަރުއެވެ. ކުޑަ ގޮތަކަށް ފެށި ޖަމިއްޔާގެ މަސައްކަތްތައް ފުޅާ ކުރަމުން ގޮސް ހަވާދުގެ ބާވަތްތަކުގައި ހިމެނޭ ގަސްގަހާގެއްސާއި، ތަރުކާރީ ހެއްދުމުގެ މަސައްކަތްވެސް ފެށީއެވެ.
"އަންހެނުންނަށް ދެމެހެއްޓެނިވި އާމްދަނިއެއް ހޯދާ ދިނުމަށް ހާއްސަ ޖަމިއްޔާއެއްގެ މަސައްކަތް ފަށާ ވާހަކަ ބުނުމުން އަހަރެންގެ އާއިލާއަށްވެސް އެކަން ގަބޫލެއް ނުކުރެވުނު. އެއީ ދެކޮޅުޖެހޭނެ ކަމެއްކަންވެސް އެމީހުންނަށް ގަބޫލެއް ނުކުރެވުނު. އެކަމަކު މިއަދު ބަލާ އަހަރަމެންނަށް އާދެވިފަ އޮތް ހިސާބު" އީމާން ބުންޏެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން އާމްދަނީ ހޯދުމުގައި އީމާންއަށްވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ (އެފްއޭއޯ) އިން 2018 ވަނަ އަހަރު، ކެނެޑާ ސަރުކާރުގެ އެހީގައި ފަންޑު ފޯރުކޮށްދޭން ފެށުމާއެކު އީމާންގެ މަސައްކަތަކަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އުމްރާނީ ގޮތުންވެސް ދަނޑުވެރިކަމުގެ މަސައްކަތަށް ހެޔޮ ބަދަލެއް އައެވެ.
މިކަމުގެ ނަތީޖާ 2019 ވަނަ އަހަރު ފެނިގެންދިޔައެވެ. އެއީ އީމާންގެ ޖަމިއްޔާ ދުށް އެންމެ ކާމިޔާބު އަހަރެވެ. 2019 ވަނަ އަހަރު އެ ޖަމިއްޔާއިން ވަނީ 14500 ޑޮލަރުގެ އުފެއްދުންތައް ވިއްކާފައެވެ.
އީމާންއަކީ މިއަދު 50 އަކަށް އަންހެނުންގެ ދަނޑުވެރި ޖަމިއްޔާއެއްގެ ލީޑަރެވެ. މި ޖަމިއްޔާގައި މައިންނާއި ދަރިންނާއި އަނބިންގެ އިތުރުން، އީމާން ފަދަ ޓީޗަރުންވެސް ހަރަކާތްތެރިވެއެވެ. އީމާން މިހާރު އަމާޒު ހިފާފައި ހުރީ އޭނާގެ އުފެއްދުންތައް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މާކެޓް ކުރެވޭނެ ގޮތްތަކެއް ހޯދުމަށެވެ. ވަކިން ހާއްސަކޮށް އޯގާނިކް އުފެއްދުންތަކަށް މާކެޓް ހޯދުމަށެވެ.
ބައިނަލްއަގުގާމީ ފެންވަރުގައި ކާބޯތަކެތީގެ ދުވަހެއް މިއަދު ފާހަގަކުރަމުންދާއިރު އެފްއޭއޯއިން "ބަތޯލާ"އެއްގެ ގޮތުގައި ފާހަގަކޮށްފައިވާ އީމާން އަދިވެސް ދަނީ، ދެމެހެއްޓެނިވި ގޮތެއްގައި އޭނާގެ އަވަށަށް ކުރިއެރުން ހޯދާ ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެފްއޭއޯއިން ބުނާ ގޮތުގައި ދިރިހުރުމަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާ، ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު މާއްދާތައް ލިއްބައިދޭ ފައިދާ ހުރި ކާނާ ގަވައިދުން ނުލިބޭ 2 ބިލިއަނެއްހާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބައުޅެއެވެ. ކަން މިހެން އޮތްއިރު، މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގެ އަސަރުވެސް މިކަމަށް ދަނީ ފޯރަމުންނެވެ. އެފްއޭއޯގެ ރެކޯޑްތައް ދައްކާ ގޮތުން މިހާރުވެސް 690 މިލިއަނެއްހާ މީހުން ތިބީ ބަނޑުހައި ހާލުގައެވެ. އެއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 10 މިލިއަން އިތުރު އަދަދެކެވެ. ކަން މިހެން އޮތްއިރު، ބަނޑުހައި ހާލުގައި ދިރިއުޅޭ މީހުންގެ ލިސްޓަށް 83-132 މިލިއަން މީހެއްގެ ނަން އިތުރުވެދާނެ ކަމުގެ އިންޒާރުވެސް އެފްއޭއޯއިން ވަނީ ދީފައެވެ.
ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި އަނަރޫފުވުމާ، ފައިދާ ހުރި ކާނާއަށް ފަރުވާ ކުޑަކުރެވުމުގެ ސަބަބުން އާދަޔާ ހިލާފަށް ފަލަވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކި ތަކުލީފުތަކާއެކު އިގުތިސޯދަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. މިކަންކަމުން ދުނިޔޭގެ އިގުތިސޯދަށް ލިބޭ ގެއްލުމުގެ އަގު، އަހަރަކު 3.5 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް އެފްއޭއޯއިން ލަފާކުރެއެވެ.
ކަން މިހެން އޮތްއިރު ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެއްޗާއި ދަނޑުވެރިކަމަށް ބަރޯސާވުން މުހިންމުކަން ފާހަގަކުރަން ޖެހެއެވެ. ކެއިންބުއިމުގައި ބޭނުން ކުރެވިދާނެ 30000 އަށްވުރެ ގިނަ ގަސްގަހާގެހި މި ދުނިޔޭގެ ބިމުގައި ފެތުރިފައި ވީ ނަމަވެސް، މިއަދު ދަނޑުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތަކުގެ 66 ޕަސެންޓް ހިއްސާކުރަނީ އެންމެ 9 ބާވަތެއް ކަން އެފްއޭއޯއިން ފާހަގަކުރެއެވެ.