ދުނިޔޭގެ އެންމެ ވަރުގަދަ ސޯޝަލް މީޑިއާ ޕްލޭޓްފޯމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ "ޓްވިޓާ"ގެ ހިދުމަތަށް ރޭ ދަންވަރުގެ ވަގުތެއްގައި ބުރޫ އަރާފައި ވާކަން، އެ ކުންފުނިން ކަށަވަރު ކޮށްދީފިއެވެ.

ޖީއެމްޓީ ގަޑިން ރޭ 21:30 އިން ފެށިގެން ބައިގަޑިއެއްހާއިރަށް ޓްވިޓާގެ ހިދުމަތް މެދުކެނޑުނު ފަހުން، ކުރިއެކޭވެސް އެއްގޮތަށް ގިނަ ކަސްޓަމަރުންނަށް އެ ހިދުމަތް މިހާރު ލިބެމުންދާނެ ކަމަށް ޓްވިޓާ ކުންފުނިން ވަނީ ބުނެފައެވެ.

ޓްވިޓާ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހިދުމަށް ބުރޫއެރީ އެތެރޭގެ ސިސްޓަމްތަކަށް މައްސަލަތަކެއް ދިމާވެގެން ކަމަށާ، އެއްވެސް ހާލެއްގައި ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކަލެއް ފޯރިކަން ނުވަތަ ހެކަރެއްގެ ހަމަލާ އަމާޒުވި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ޓްވިޓާގެ ހިދުމަތް މެދުކެނޑިގެން ދިޔަ ވަގުތު، 58000 އެކައުންޓަށް އެކަމުގެ އަސަރު ފޯރި ކަމަށް މައުލޫމާތު ލިބެއެވެ.