ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފަރުވާއަކީ ކޮބައިތޯ ބެލުމަށް އެންޓިވައިރަލް ރެމްޑެސިވިއާ ހިމެނޭ ގޮތަށް 4 ޑްރަގެއް ހިމަނައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ދިރާސާތަކުގެ އިބްތިދާއީ ނަތީޖާތަކަށް ބަލާއިރު، ބަލިޖެހޭ ޕޭޝަންޓުން ހޮސްޕިޓަލުގައި ހޭދަ ކުރަންޖެހޭ މުއްދަތުގެ އިތުރުން ފުރާނަ ސަލާމަތް ކުރެވުމަށްވެސް މި ބޭސްތަކުގެ ސަބަބުން މާ ބޮޑު އަސަރެއް ނުކުރާ ކަން ހާމަވެއްޖެއެވެ.

"ސޮލިޑާރިޓީ" ޓްރަޔަލްގެ ނަމުގައި ޑަބްލިއުއެޗްއޯއިން ކުރިއަށް ގެންދާ މި ތަހުލީލުތަކާ ބެހޭ އާންމުކޮށްފައިވާ ޕްރީޕްރިންޓް ލިޔުމެއްގައި އެ އިދާރާގެ ދިރާސާ ޓީމުން ބުނެފައި ވަނީ، ރެމްޑެސިވިއާ، ހައިޑްރޮކްސިކްލޮރޮކުއިން، ލޮޕިނަވިއާ އަދި އިންޓަފެރޯން ރެޖިމަންސްއިން ކޮވިޑް-19ގެ ޕޭޝަންޓުންގެ ހާލަތަށް، އެދެވޭ، މާ ބޮޑު ބަދަލެއް އަންނާތީ ފާހަގަ ނުކުރެވޭ ކަމަށެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދަމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަހުލީލުކުރަމުންދާ ރެމްޑެސިވިއާ ޑްރަގް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްމީރެއް/ފޮޓީ: އިކޮނޮމިސްޓް

ރެމްޑެސިވިއާއަކީ ޒަމާނީ ބޭސްވެރިކަމުގެ ސިނާއަތުގައި ކުރިއަރާފައިވާ އެމެރިކާގެ ޖިލިއަޑް ސައެންސަސް ކުންފުނިން، އެބޯލާ ރޯގާއަށް ހާއްސަކޮށްގެން އުފެއްދި ބޭހެކެވެ. މިމަހު ކުރީކޮޅު ކޮވިޑް-19އަށް ޕޮޒިޓިވްވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްވެސް ވަނީ މި ބޭސް ބޭނުން ކުރައްވާފައެވެ.

ޑަބްލިއުއެޗްއޯގެ ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 30 ގައުމެއްގެ 405 ހޮސްޕިޓަލެއްގައި، 11266 ޕޭޝަންޓުން ބައިވެރިކޮށްގެންނެވެ. މީގެ ތެރެއިން 2750 ޕޭޝަންޓަކަށް ރެމްޑެސިވިއާ ދީފައި ވާ އިރު، 954 ޕޭޝަންޓަކަށް ހައިޑްރޮކްސިކްލޮރޮކުއިން އަދި 1411 ޕޭޝަންޓުންނަށް ލޮޕިނަވިއާ، 1412 ޕޭޝަންޓުންނަށް އިންޓަފެރޯން އަދި 651 ޕޭޝަންޓަކަށް ލޮޕިނަވިއާއާއި އިންޓަފެރޯން ދީފައިވެއެވެ. މީގެ އިތުރުން 4088 ޕޭޝަންޓަކަށް މިއިން އެއްވެސް ބޭހެއް ދީފައެއް ނުވެއެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް ފުޅާދާއިރާއެއްގައި ދިރާސާތައް ކުރަމަށް ރެމްޑެސިވިއާ ޑްރަގްް ދިނުމަށް ޕޭޝްންޓުން ސްޕޮންސާ ކުރާ ޖީލީޑް ސައެންސަސް ކުންފުނީގެ އިމާރާތެއް/ފޮޓޯ: ރޮއިޓާޒް

ކަން މިހެން އޮތްއިރު، ޖިލިއަޑް ސައެންސަސް އިން ވަނީ، ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ، އެ އިދާރާގެ ތަފާސް ހިސާބުތައް އެންމެ ފުރިހަމައަށް މުރާޖައާ ކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. މިފަދަ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް، ނިމުންތަކެއް ނިންމިދާނެކަން ސާފު ނުވާ ކަމަށްވެސް ޖިލިއަޑްއިން ވަނީ ބުނެފައެވެ.

ކޮވިޑް-19އަށް ފަރުވާއެއް ހޯދުމަށް "ސޮލިޑާރިޓީ"ގެ ނަމުގައި ޑަބްލިއުއެޗްއޯއިން ދިރާސާ ފެށީ މިއަހަރުގެ ފެބުރުވަރީ މަހު އޮތް ރިސާޗް ފޯރަމަކުން ދިން އިރުޝާދާއެކުގައެވެ. މި ދިރާސާގައި ބޭނުން ކުރަމުންދިޔަ ޑްރަގްތަކުން އެދެވޭ ނަތީޖާއެއް ފެނިފައި ނުވާއިރު، އިތުރު އެންޓިވައިރަލް ޑްރަގްތަކާ، އިމިއުނޯމޮޑިއުލޭޓަރުތަކުގެ އިތުރުން މޮނޯކްލޯނަލް އެންޓީބޮޑީޒްއާ ގުޅޭ މުރާޖައާތަކެއް ކުރަމުން އަންނަ ކަން ޑަބްލިއުއެޗްއޯއިން ވަނީ ހާމަކޮށްފައެވެ.