ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް، އަންނަ ހޮނިހިރު ދުވަހުން ފެށިގެން ލަންޑަންގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރުމަށް ނިންމައިފިއެވެ.

ހޮނިހިރު ދުވަހުން ފަށައިގެން ލަންޑަން އޮންނާނީ ކޮވިޑް-19 ރިސްކު ކެޓަގަރީގެ "ޓިއާ-2"ގައި ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު، އެކި ގޭބިސީތަކުގައި ދިރިއުޅޭ ފަރާތްތަކުން، އެތެރޭގެ މާހައުލުތަކުގައި އެކީ އެއްތާވުން މަނާ ވާނެއެވެ.

ލަންޑަންއާއެކު އެސެކްސްވެސް ކުރިއަށް އޮތް ހަފުތާ ބަންދުގައި ހަރުކަށި ޓިއާއަކަށް ގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ލަންޑަން ސިޓީ ހޯލްގައި ވާހަކަދައްކަވަމުން މޭޔާ ސޯދިގު ހާން ވިދާޅުވީ، އެނޫން ގޮތެއް މިއަދު ނެތް ކަމަށެވެ.

އިތުރު ފިޔަވަޅުތަކެއް ހަރުކަށި ކުރުމަށް އެއްވެސް މީހަކު ނޭދޭ ކަމަށާ، ނަމަވެސް، ލަންޑަންގެ ރަށްވެހިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް މޭޔަރު ސޯދިގު ހާން ވަނީ ވިދާޅުވެއެވެ.

"ޓިއާ-2" އަށް ގެންދިއުމަށްފަހު އެކި ގޭ ބިސީތަކުގައި އުޅޭ މީހުން، ރެސްޓޯރަންޓް ފަދަ ތަންތަނުގައި އެކުގައި އުޅުންވެސް މަނާވާނެއެވެ. އަދި އާންމު ދަތުރުފަތުރުގެ ވަސީލަތްތަކާވެސް ދުރުވާންޖެހެއެވެ.

ލަންޑަންއަކީ މަތީ ތައުލީމު ހާސިލު ކުރުމާއި، ވަޒީފާ އަދާކުރުމުގެ އިތުރުން ދިރިއުޅުމުގެ އެކި ބޭނުން ތަކަށް ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެ އުޅޭ އިނގިރޭސިވިލާތުގެ ސިޓީއެކެވެ.