ރަށްރަށުގެ ގެސްޓު ހައުސްތައް މާދަމާ އިން ފެށިގެން އަލުން ހުޅުވާލާއިރު، މިހާތަނަށް އަލުން ހުޅުވުމަށް ހުއްދަ ދީފައި ވާނީ 16 ތަނަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތި ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ޝަރުތު ހަމަވާ 16 ގެސްޓު ހައުސް މާދަމާ ހުޅުވަން ހުއްދަ ދީފައިވާނެ ކަމަށެވެ.

އެގޮތުން ދެ އަތޮޅެއްގައި ހުރި ގެސްޓްހައުސްތައް އަލުން ހުޅުވަން ހުއްދަ ދީފައި ވާނެ ކަމަށާއި އެއީ ކ އަތޮޅާއި ވ އަތޮޅު ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މާދަމާ ގެސްޓުހައުސްތައް ހުޅުވާ ރަށްތައް:

  • ކ. މާފުށި
  • ކ. ހުރާ
  • ވ. ތިނަދޫ
  • ވ ފުލިދޫ

ގެސްޓު ހައުސްތައް މާދަމާ ހުޅުވަލަން ނިންމާފައިވާއިރު، ގެސްޓް ހައުސް ހުޅުވާ ރަށަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ރަށެއްކަން ރަށު ކައުންސިލުން ޔަގީން ކޮށްދޭން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންގައި ބުނެއެވެ.

އެގޮތަށް ހުއްދަ ދޭ ރަށްތަކުގައި ދިރިއުޅޭ މީހުން އެ ރަށެއްގެ ގެސްޓު ހައުސް ހުޅުވާ ދުވަހުން ފެށިގެން މާސްކު އެޅުން މަޖުބޫރުވާނެއެވެ. އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްތަކަށް ދަތުރުކުރާއިރު ކަރަންޓީނުވާން ޖެހޭނެއެވެ.

މާދަމާ އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދޭއިރު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބދުﷲ މައުސޫމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މާލެ، ހުޅުމާލެ އަދި ވިލިމާލެ އޭރިއާގެ ހޮޓެލް، ގެސްޓްހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ އެވެ. އަދި އެކަމަށް ބޭނުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 5 ޕަސަންޓަށްވުރެ ދަށް ދެ ހަފްތާ ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ. މައުސޫމް ވިދާޅުވީ، ކޮވިޑް-19 އަށް ޓެސްޓު ކުރީ މީހުންގެ ނިސްބަތުން ޕޮޒިޓިވްވާ މީހުން 5 ޕަސަންޓަށް ވުރެ ދަށް އަދަދެއްގައި ވިދިވިދިގެން ހުރުމަކީ އެއީ ގެސްޓްހައުސް ހުޅުވޭނެ މިންގަނޑު ކަމަށެވެ.

ރާއްޖޭގައި 86 ރަށުގައި ގެސްޓު ހައުސް ހުންނައިރު، އެއީ ޖުމްލަ 10،000 އަށް ވުރެ ގިނަ ރަޖިސްޓާޑް ގެސްޓް ހައުސް ބެޑެވެ.

އެ 86 ރަށުގައި 6000 އަށް ވުރެ ގިނަ މީހުން ވަޒިފާ އަދާކުރަމުންދާ އިރު، ގެސްޓް ހައުސްތައް ބަންދުކޮށްފައި އޮތުމުން މި ހުރިހާ އެންމެންގެ އާމްދަނީއަށް ވަނީ ހުރަސްއެޅިފައެވެ.