ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިން ލިމިޓުން 10 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ފައިނޭންސިންއެއް ތައާރަފްކޮށްފިއެވެ.
އެސްއެމްއީ ޑިޖިޓަލްއިން މިއަދު ވަނީ ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން 'ގެސްޓްހައުސް ފައިނޭންސިންގް' އަދި 'ގެސްޓްރޫމް ފައިނޭންސިންގް' ގެ ނަމުގައި ދެ ޕްރޮޑަކްޓެއް ތައާރަފްކޮށްފައެވެ.
މިއީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފްކުރި ޕްރޮޑަކްޓުތަކެއް ކަމަށް ވެއެވެ.
ގެސްޓް ހައުސް ފައިނޭންސިންގައި ހިމެނެނީ:
ގެސްޓްހައުސް ފައިނޭންސިންއަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.
- މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން 20 ޕަސެންޓު އަމިއްލަ އަތުން ހަމަޖައްސަންޖެހޭ
- ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭ ( މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ)
ގެސްޓް ރޫމް ފައިނޭންސިންގައި ހިމެނެނީ:
ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގް ދޫކުރެވޭނެއެވެ.
- ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން 20 ޕަސެންޓު އަމިއްލަ އަތުން ހަރަދުކުރަންޖެހޭ
- ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭ (މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ)
މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށެވެ.
އެސްއެމްއީގެ ފަރާތުން ބުނި ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދު ތަރައްގީވަމުން އަންނައިރު، މިއީ ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދީ، އިގްތިސާދީ ހަރަކާތްތަކުގައި އެންމެން ބައިވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
އަދި ވިޔަފާރިވެރިންނަށް ބޭނުންވާ ހުރިހާ މާލީ ހިދުމަތްތަކެއް ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން ބަލައިލެވުމުގެ އިތުރުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް މި ފައިނޭންސިންގް ތަކަށް އެދި ހުށަހެޅޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
