ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުންދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަހުލީލު ކުރަމުންދިޔަ ވެކްސިންގެ ދިރާސާ މަޑުޖައްސާލައިފިއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް-19 ވެކްސިންއާ ގުޅޭ ދިރާސާތައް މަޑުޖައްސާލާފައި މިވަނީ، ތަހުލީލީ މަރުހަލާގައި ވެކްސިން ބޭނުން ކުރި ބައިވެރިއަކަށް ކުރިމަތިވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިފާއު ހޯދުމަށް ތަރައްގީ ކުރާ ވެކްސިންތަކުގެ އެންމެ ހައި-ޕްރޮފައިލް ލިސްޓުގައި ހިމެނޭ ވެކްސިނަކަށް ވީ ނަމަވެސް، ކުރިމަތިލާންޖެހުނު މި ހުރަހާއެކު، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ލިބޭނެ ކަމަށް ލަފާކުރާ ތާރީހު މި ވަނީ ފަސް ކުރަންޖެހިފައެވެ.

ވެކްސިން ބޭނުންކުރުމަށްފަހު ސިއްހީ މައްސަލަ ކުރިމަތިވި ބައިވެރިޔާގެ ސިއްހީ ރެކޯޑްތައް މުރާޖައާ ކުރަމުންދާ ކަމަށާ، އެކަން ކުރަނީ މިނިވަން ބޯޑަކުން ކަމަށް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އާންމު ކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ. އެ ބަޔާނުގައި ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ވަނީ މިއީ "ވަގުތީ މަޑުޖައްސާލުމެއް" ކަން ފާހަގަކޮށްފައެވެ. އެތައް ހާސް ބަޔަކު ބައިވެރި ކޮށްގެން ކުރިއަށް ގެންދާ ތަހުލީލުތަކެއްގައި މިފަދަ ކަމެއް މެދުވެރި ވެދާނެ ކަމަށްވެސް ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރަމުންދާ އަސްޓްރާޒެނީކާ ކުންފުނިން ވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ މިފަދަ ފިޔަވަޅެއް އަޅާފައެވެ. ނަމަވެސް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކުންފުނީގެ ވެކްސިންގެ ތަހުލީލިތައް އަލުން ވަނީ ފަށާފައެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ވެކްސިން ބޭނުން ކުރި ބައިވެރިޔާއަށް ކުރިމަތިވި ސިއްހީ މައްސަލަ ތަފްސީލު ކޮށްދިނުމަށް އެކުންފުނިން ވަނީ އިންކާރު ކޮށްފައެވެ.