މީލާދީން 1921 ވަނަ އަހަރު ތަރައްގީ ކުރި ބީސީޖީ ވެކްސިންގެ އެހީގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ފުރާނަތަކެއް ސަލާމަތް ކުރެވިދާނެތޯ ބެލުމުގެ ތަހުލީލުތައް، އިނގިރޭސިވިލާތުގެ ސައެންސްވެރިން ފަށައިފިއެވެ.

ދިވެހިންނަށްވެސް އިތުރު ތައާރަފަކަށް ބޭނުން ނުވާ ބީސީޖީ ވެކްސިނަކީ، ޓިއުބާކިއުލޯސިސް (ޓީބީ) ބަލިން ދިފާއުވުމަށް އުފައްދައިގެން ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ. ޓީބީ އިތުރުން، ބައެއް އެހެން ބަލިތަކަށްވެސް މި ވެކްސިންގެ އެހީގައި ދިފާއު ލިބޭ ކަމުގެ ހެކިވެސް ލިބިފައިވެއެވެ.

ބީސީޖީ ވެކްސިންގެ އެހީގައި ކޮވިޑް-19އަށް ލުޔެއް ލިބިދާނެ ތޯ ބެލުމަށް ޔުނިވާސިޓީ އޮފް އެގްޒެޓާއިން ކުރިއަށް ގެންދާ ތަހުލީލުތަކުގައި 1000 އެއްހާ މީހުން ބައިވެރިވާނެއެވެ.

ޗައިނާގެ ސީނޯފާމްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ

އިނގިރޭސިވިލާތުގެ އަދުގެ އާބާދީއަށް ބަލާއިރު އެތައް މިލިއަން މީހުންނަކީ ޅަފަތުގައި ބީސީޖީ ވެކްސިން ޖަހާފައިވާ ބައެކެވެ. ނަމަވެސް، މި ވެކްސިންގެ އެހީގައި ކޮވިޑް-19އަށް ލުޔެއް ލިބޭތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުލީލުތަކުގައި ބައިވެރިވާ މީހުންނަށް އަލުން މި ވެކްސިން ދޭނެއެވެ.

ވެކްސިންތައް ފަރުމާކޮށްފައި ހުންނަނީ ވަކި ހާއްސަ ކަމަކުން ދިފާއުވުމަށް، ހަށިގަނޑުގެ ދިފާއީ ނިޒާމު ތަމްރީނު ކުރުވަނިވި އުސޫލަކަށެވެ. އެއް އިންފެކްޝަނަކުން ދުރުވުމަށް ދިފާއު ހޯދުމަށް އެ ނިޒާމު ތަމްރީނު ކުރުމަށް ވެކްސިން ފަރުމާ ކުރިއެއް ކަމަކު، ދިފާއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނުވައެވެ. މިކަމުގެ ސަބަބުން އެހެން އިންފެކްޝަންތަކަށްވެސް ވެކްސިން އިޖާބަދެއެވެ. އަދި މިއި ސައެންސްވެރިންނަށް ލިބުނު އުއްމީދުގެ ސިގުނަލަކަށް އޮތީ ވެފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑް-19 ވެކްސިން ތަރައްގީ ކުރަމުންދަނީ އަސްޓްރާޒެނީކާއާއި ގުޅިގެން/ފޮޓޯ: އެންބީސީނިއުސް

މީގެ ކުރިން ކުރިއަށް ގެންދިޔަ ބައެއް ދިރާސާތަކަށް ބަލާއިރު، ގިނީ-ބިސާއޯގައި ބީސީޖީ ވެކްސިން ދިނުމުގެ ސަބަބުން، އަލަށް އުފަންވާ ކުދިން މަރުވާ މިންވަރު 38 ޕަސެންޓް ދަށްވިއެވެ. އެއީ ނިއުމޯނިއާއާއި ސެޕްސިސް ފަދަ ބަލިތަކުގެ ކޭސް ނަމްބަރު ދަށްކޮށްގެންނެވެ. ދެކުނު އެފްރިކާއަށް ބަލާއިރު ނޭފަތާއި، ކަރާއި ފުއްޕާމޭގެ އިންފެކްޝަންތައް 73 ޕަސެންޓް ދަށް ކުރެވުނެވެ. ނެދަލަންޑްސްއަށް ބަލާއިރު، ހަށިގަނޑުގައި ރީނދޫހުމުގެ ވައިރަސް އެކުލެވޭ މިންވަރު، ބީސީޖީގެ އެހީގައި ދަށް ކުރެވުނުކަން ފާހަގަކުރެވެއެވެ.

ޔުނިވާސިޓީ އޮފް އެގްޒެޓާ މެޑިކަލް ސްކޫލްގެ ޕްރޮފެސާ ޖޯން ކެމްޕްބެލް ވިދާޅުވީ، ބީސީޖީ ވެކްސިންގެ އެހީގައި ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ހައްލެއް ނުހޯދުނު ކަމުގައި ވީ ނަމަވެސް، ވެކްސިނެއް ލިބި ފަރުވާތަކެއް ކަށަވަރުވުމާ ހަމައަށް ފާއިތުވާ އަހަރުތަކުގައި ކޮންމެވެސް ވަރެއްގެ ލުޔެއް ލިއްބައިދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ވެކްސިންއެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: އެމެރިކަން ކެމިކަލް ސޮސައިޓީ

ބީސީޖީ ވެކްސިންގެ އެހީގައި ކޮވިޑް-19ގެ ބަލިމަޑުކަމަށް ލުޔެއް ހޯދޭތޯ ބެލުމުގެ ތަހުލީލުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއްގެ ބައެކެވެ. އޮސްޓްރޭލިއާ، ނެދަލަންޑްސް، ސްޕެއިން އަދި ބްރެޒިލްއިންވެސް މި ދިރާސާއަށް 100000 އެއްހާ މީހުން ރެކްރޫޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާ މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެހެނީ ސިއްހީ ހިދުމަތްތެރިންނަކީ ވައިރަހުގެ ނުރައްކަލަށް އިންތިހާއަށް ހުށަހެޅިފައިވާ ބަޔަކަށް ވުމުން، ނަތީޖާ ނެރެވުމުގެ މަރުހަލާގެ ދުވެލި އަވަސްވުމެވެ.

ޓިއުބާކިއުލޯސިސް (ޓީބީ) ބަލިން ދިފާއުވުމަށް ބީސީޖީ ވެކްސިން އުފެއްދީ 1921 ގައި / ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދި، ވެކްސިނެއް ލިބުމާ ޖެހެންދެން ހިނގާ ދާ އަހަރުތަކުގައި މި ބަލިމަޑުކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދުމުގެ މަގު، ބީސީޖީ ވެކްސިންގެ އެހީގައި ތަނަވަސް ވެދާނެ ކަމަށް ބަޔާންކޮށް ލޭންސެޓްގައި ޝާއިއުކޮށްފައިވާ އިލްމީ ލިޔުއްވުމުގެ މުސައްނިފުންގެ ތެރޭގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ހިމެނިވަޑައިގަންނަވައެވެ.

ބީސީޖީ ވެކްސިނަކީ ކޮވިޑް-19ގެ އިޖާބައަށް މުހިންމު ފިޔަވަޅަކަށް ވީ ނަމަވެސް، މިއީ ދިގު މުއްދަތުގެ ދާއިމީ ހައްލު ނޫން ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް އޮތް ފުރިހަމަ ހައްލަކީ ކަނޑައެޅިގެން މި ބައްޔަށް ވަކި ވެކްސިނެއް އުފެއްދުމެވެ. އެންމެ ފަހުގެ މަރުހަލާތަކުގައި މިހާރުވެސް 10 ކެންޑިޑޭޓޭއް އެބަ އޮތެވެ.