ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާއިރު، ބައެއް ވެކްސިނަކީ 2 ޑޯޒް އަދި އަނެއް ބައި ވެކްސިނަކީ 3 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންތަކެކެވެ. މި ހުރިހާ ވެކްސިނަކީވެސް، ކޮނޑާ ދިމާލުން އަތަށް ޖަހާ ގޮތަށް ފަރުމާކޮށްފައިވާ ވެކްސިންތަކެކެވެ.
ކަން މިހެން އޮތްއިރު، ދިރާސާ ކުރާ ފަރާތްތަކުން ދަނީ ނޭފަތާ އަނގައަށް ޖަހާ ވެކްސިނެއްގެ އެހީގައި ކޮވިޑް-19އަށް މާ ފުރިހަމަ ދިފާއެއް ހޯދާ ދެވިދާނެތޯ ބަލަމުންނެވެ. ސައެންސްވެރިންގެ އުއްމީދަކީ ސީދާ ވައިހޮޅިތަކަށް ފޮނުވާލެވޭ ވެކްސިނެއްގެ އެހީގައި މިކަމަށް ހައްލެއް ހޯދުމެވެ. މިކަން މިހެން ކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، އެ ގުނަވަނެއްގައި ވައިރަސް އަށަގަނެ، މުޅި ހަށިގަނޑަށް ވައިރަސް ފަތުރާލާ ނޭފަތުގައި ވައިރަސް ހަރުނުލާނެ ގޮތަކަށް ވައިރަހުން ދިފާއު ހޯދާދިނުމެވެ.
ނޭފަތަށް ސްޕްރޭކުރާ ވެކްސިން ބޭނުން ކުރުމުގައި އިތުރު ފައިދާތަކެއްވެސް އެބަހުއްޓެވެ. އެގޮތުން ކަށި ބޭނުން ކުރަން ނުޖެހުމާއި، ވެކްސިން ދިނުމަށް ހާއްސަ ތަޖުރިބާ ލިބިފައިވާ ސިއްހީ ހިދުމަތްތެރިން ބޭނުންވާ މިންވަރު މަދުވުން ހިމެނެއެވެ. މީގެ އިތުރުން، އެއްތަނުން އަނެއް ތަނަށް ވެކްސިން އުފުލާ ހެދުމަށްވެސް ލުއި ފަސޭހަތަކެއް ހުރެއެވެ. ހަމައެހެންމެ، ވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހޭ ފިނިހޫނު މިނަށް ބަލާއިރުތަކެއްވެސް ނޭފަތާއި އަނގަޔަށް ޖަހާ ވެކްސިންގައި ފަސޭހަތަކެއް ހުރެއެވެ.
ހޮންގްކޮންގް އިން މިހާރު ވަނީ ނޭފަތާއި އަނގަޔަށް ޖަހާ ވެކްސިން އުފެއްދުމުގައި ކުރިއެރުންތަކެއް ހާސިލުކޮށްފައެވެ. އެގޮތުން، އިންސާނުންގެ ހަށިގަނޑުގައި އަންނަ މަހު މި ވެކްސިން ޓެސްޓު ކުރަން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ.