ސްރީލަންކާ ރައްޔިތުންގެ ލާބައަށް، 86.6 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވާ ކަން، އޭޝިއާ ބައްރުގެ ސުޕާޕަވަރުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ޗައިނާއިން ހާމަކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ޗައިނާގެ އެމްބަސީއިން މި އެހީ އިއުލާން ކޮށްފައި މިވަނީ، ޗައިނާ ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

އެމްބަސީއިން އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ، އިގުތިސޯދީ އަދި ފަންނީ ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ 86.6 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރީ މި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސްރީލަންކާއަށް ފޯރުކޮށްދީފައިވާ މާލީ އެހީ ބޭނުން ކުރަމުންދާނީ ސިއްހީ ފަރުވާގެ އިތުރުން ތައުލީމާއި ސާފު ފެނުގެ ސަޕްލައި، ރަށްފުށުގެ ސަރަހައްދުތަކަށް ކަށަވަރުކުރުމުގެ ދާއިރާގައި ކަމަށް ޚަބަރު ލިބެއެވެ.

ތަރައްގީގެ މަޝްރޫއުގެ ނަމުގައި ޗައިނާއިން ފޯރުކޮށްދެމުންދާ އެހީއަކީ "ދަރަނި ދަންތުރަ" އެއް ކަމަށް ތަސްވީރުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާއިރު، އެއީ އެހެން އޮތް ކަމެއް ނޫން ކަމަށް ސްރީލަންކާގެ ރައީސް ވަނީ މިދިޔަ ހުކުރު ދުވަހު ސިފަ ކުރައްވާފައެވެ.