ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށް ތަރައްގީ ކުރަމުންދާ ވެކްސިން ދިނުމުގައި ބަލާނީ މައިގަނޑު 2 ކަމަކަށް ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ހަރްޝް ވަރުދަން އިއުލާން ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އޭނާއަށް އަމާޒު ކޮށްފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަރުދަން ވިދާޅުވީ، ކޮވިޑް-19 ވެކްސިން ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާނެ 2 ކަމެއް އެބައޮތް ކަމަށާ، އެއީ ބަލިޖެހުމުގެ ނުރައްކަލަ ހުށަހެޅިފައިވާ (އެކްސްޕޯޒާ ރިސްކް)ގެ ގިންތިއާއި، ބަލިޖެހުމުން ހާލު ގޯސްވެދާނެ މީހުންގެ ގިންތި ކަމަށެވެ.

ކޮވިޑް-19 އަށް އަދިވެސް ކަށަވަރު ވެކްސިނެއް ހޯދިފައި ނުވާއިރު، ފުރަތަމަ ލިބޭނީ ނިސްބަތުން މަދު މިންވަރެއްގެ ވެކްސިންކަން އިންޑިއާގެ ސަރުކާރުން ގަބޫލު ކުރާ ކަމަށާ، ކޮވިޑް-19ގެ ވެކްސިން ދިނުމުގައި އިސްކަން ދޭނީ ބަޔާން ކުރެވިދިޔަ 2 ގިންތިއަށް ރިއާޔަތް ކޮށްގެން ކަމަށްވެސް ވަރުދަން ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، އެކި އުމުރުފުރާތަކަށް އެކި ވެކްސިން ހޯދުމަށްވެސް އިންޑިއާގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން، އެ ގައުމުގެ ސިއްހަތާ ވެހޭ ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވީ، ކުއްލި ހާލަތުގައި ބޭނުން ކުރުމަށް (އީއެމްޔޫ) ހުއްދަ ދޫކުރުމުގެ މަޝްވަރާތައްވެސް މިހާރު ކުރިއަށް ދާ ކަމަށެވެ. މި އުސޫލުން ވެކްސިން ބޭނުން ކުރުމުގައި 2 ކަމަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ވަރުދަން ވިދާޅުވިއެވެ. އެއީ ވެކްސިންގެ ރައްކާތެރިކަމާ، ކާމިޔާބީގެ މިންވަރު ކަމަށް އޭނާ ތަފްސީލު ކޮށްދެއްވިއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އިންޑިއާގައިވެސް ވެކްސިން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ދާއިރު، އިންޑިއާއިން ތަރައްގީ ކުރަނީ 2 ޑޯޒްއާއި 3 ޑޯޒްގެ މައްޗަށް އެކުލެވޭ ވެކްސިންތަކެއް ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއިން އަދިވެސް ދަނީ ރެކޯޑް އަދަދަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަމުންނެވެ. އެގޮތުން 7 މިލިއަން ކޭހުގެ ފާހަގަ ހުރަސް ކުރި 2 ވަނަ ގައުމަކަށްވެސް އިންޑިއާ މިހާރު ވަނީ ވެފައެވެ.