އޭޝިއާ ބައްރުގެ ސުޕާޕަވަރުގެ މަގާމު ދިފާއު ކުރުމަށް ފައިވިއްދައިގެން އޮތް ޗައިނާގެ ހާއްސަ ލޯނު އެހީއެއް، އަވަށްޓެރި ސްރީލަންކާއަށް ދޫކުރުމުގައި ގުޅޭ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއި ކުރެވިގެން ދާނެ ކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު، މި ލޯނަކީ ކޮންސެޝަނަރީ އުސޫލުން ދޭ، 500 މިލިއަން ޑޮލަރުގެ ލޯނެކެވެ. ކޮންސެޝަނަރަކީ ލޯނަކީ މާލީ ބާޒާރުގައި ލޯނު ދޫކުރާ ރޭޓުތަކާ އަޅާ ބަލާއިރު އިންޓްރެސްޓް ރޭޓް ފަދަ ކަންކަމަށް އިންތިހާއަށް ލުއި ދީގެން ދޭ "އެހީގެ" ލޯނެކެވެ.

ޗައިނާއިން ސްރީލަންކާއަށް ފޯރުކޮށްދޭ މި އެހީއާ ގުޅޭ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، މި ލޯނާ ގުޅޭ ކަންކަން ނިންމާފައި ވަނީ، ސްރީލަންކާއަށް މިހާރު ޒިޔާރަތް ކުރަމުންދާ ޗައިނާގެ އިސް ވަފުދުގެ މެމްބަރުންނާއި ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ދެމެދު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ކަމަށް ޚަބަރު ލިބެއެވެ.

ލަންކާގެ ޓްރެޒަރީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ލަންކާއިން މި ލޯނު އަދާކުރާނީ 10 އަހަރު ދުވަހުގެ މުހުލަތެއްގެ ތެރޭގައެވެ. އަދި މި ލޯނު ބޭނުން ކުރުމަށް ޗައިނާއިން ވަކި ޝަރުތުތަކެއްވެސް ކަނޑައަޅާފައި ނުވާކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ޚަބަރު ދެއެވެ.

ބެލެވޭ ގޮތުގައި، ޗައިނާއިން ފޯރުކޮށްދޭ 500 މިލިއަން ޑޮލަރުގެ ކޮންސެޝަނަރީ ލޯނު، ލަންކާއިން ބޭނުން ކުރާނީ، މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާއިން އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށެވެ.