ބަންގްލަދޭޝްގެ ދެކުނު ސަރަހައްދުގައި ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން ވަޒަންވެރިވެ ތިބި ކޭމްޕުތަކުގައި ދިރިއުޅެމުންދާ ހަތިޔާރުއެޅި ގޭންގުތަކެއްގެ މެދުގައި، ދިގުލާ ގޮސްފައިވާ މާރާމާރީތަކުގައި މަރުވި މީހުންގެ އަދަދު 8 އަށް އަރައިފިއެވެ.
ގޭންގު މާރާމާރީތަކުގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން ދިއުމާ ގުޅިގެން، އެތައް ހާސް ބަޔަކު މިހާރު ވަނީ މި ސަރަހައްދު ދޫކޮށް، ފިލާފައި ކަމަށްވެސް ޚަބަރު ލިބެއެވެ.
މިލިއަނަކަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މި ރެފިއުޖީ ކޭމްޕަކީ މުޅި ދުނިޔޭގައިވެސް މިވަގުތު އޮތް އެންމެ ބޮޑު ރެފިއުޖީ ކޭމްޕަށް ވާއިރު، ގޭންގު މާރީމާރީތަކުގެ ސިލްސާ ދެމިގެންދަނީ، މި ސަރަހައްދުގެ ކޮންޓްރޯލް އަތުލުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ބަޑީގެ ހަމަލާތައް ބަދަލު ކުރުމާ، ހުޅު ޖެހުމާ، މީހުން ވަގަށް ނެގުމުގެ ޖަރީމާތައް ސިލްސިލާ ގޮތެއްގައި ހިންގަމުންދާއިރު، މިކަމާ ގުޅިގެން، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް، 12 މީހަކު ގެންގޮސްފައި ވާ ކަމަށް ޚަބަރު ލިބެއެވެ.
ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރާ އެންމެ ކައިރި އަވަށުގެ އެޑިޝަނަލް ޕޮލީސް ސުޕްރިންޓެންޑެންޓް ރަފީޤުލް އިސްލާމް ވިދާޅުވީ، ސަރަހައްދުގެ ކޮންޓްރޯލް އަތުލުމަށް މާރާމާރީ ހިންގަމުން ދަނީ 2 ގުރޫޕަކުން ކަމަށެވެ. އަދި ޑްރަގް ޑީލަރުންނާއި، އިންސާނީ ވަގުފާރީގެ ޖަރީމާގެ ތުހުމަތު އަމާޒުވާ މީހުންވެސް މިކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުންގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ނަން ހާމަ ނުކުރުމަށް އެދި ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަ ދެއްކި ބައެއް ރެފިއުޖީން ބުނެފައި ވާ ގޮތުގައި، ކުރިމަތިލުންތައް ހިންގަމުން ދަނީ، މަސްތުވާތަކެތީގެ ދުނިޔޭގައި އަރާހުރި މީހަކަށް ނިސްބަތް ކޮށްގެން ނަން ދީފައިވާ "މުންނާ" ގޭންގްއާއި، އަރަކަން ރޯހިންޏާ ސެލްވޭޝާން އާމީގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ގުރޫޕަކާ ދެމެދުގައެވެ.
ނަމަވެސް އަރަކަން ގުރުޕޫން ވަނީ، މި ފަހުން ހިންގަމުންދާ ޖަރީމާތަކާ އެ ގުރޫޕާ ގުޅުމެއް ނެތް ކަމަށް ބުނެ، ޓްވީޓެއްގައި ދިފާއަށް ވާހަކަދައްކާފައެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ ރޯހިންޏާ ރެފިއުޖީން ހަމަނުޖެހުން ހިންގަމުންދާ ސަރަހައްދަކީ، ނުރައްކާތެރި ޑްރަގެއް ކަމަށްވާ މެތަމްފަޓެމީން (މެތު) ގެ ވިޔަފާރި އެންމެ ގަދައަށް ހިންގާ، މިޔަންމާގެ ބޯޑަރު ސަރަހައްދެވެ.