ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ވުމަށް ރަޝިއާއިން ތަރައްގީ ކޮށްފައި ވާ "ސްޕްޓްނިކް-5" ވެކްސިންގެ ފުޅާ ދާއިރާގެ ތަހުލީލުތައް އިންޑިއާގައި ކުރިއަށް ގެންދިއުމަށް ޑރ ރެޑީޒް ލެބޯޓްރީޒް ލިމިޓަޑުން ހުށަހަޅާފައިވާ ހުށަހެޅުމަށް، އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން އިންކާރު ކޮށްފިއެވެ.

އިންޑިއާގެ ސެންޓްރަލް ޑްރަގްސް ސްޓޭންޑަޑް ކޮންޓްރޯލް އޯގަނައިޒޭޝަންގެ ތަޖުރިބާކާރުންގެ ޕެނަލަކުން ވަނީ، "ސްޕަޓްނިކް-5" ވެކްސިންގެ ފުޅާ ދާއިރާގެ ތަހުލީލުތައް ފެށުމުގެ ކުރިން، ކުޑަ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ލަފާ ދީފައެވެ. އެ ޕެނަލުން ބުނީ ދިރާސާގެ އިބްތިދާއީ މަރުހަލާތަކުގައި ގައުމުން ބޭރުގައި ކޮށްފައިވާ ދިރާސާތަކާ ބެހޭ ގޮތުން ލިބިފައިވަނީ މަދު މައުލޫމާތު ކޮޅެއް ކަމަށާ، އިންޑިއާގެ ބައިވެރިންގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓު ކުރި ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ފުޅާ ދާއިރާއެއްގައި "ސްޕަޓްނިކް-5" ގެ ތަހުލީލީ ދިރާސާތައް ކުރިއަށް ގެންދިއުމަށް ހުށަހެޅި ހުށަހެޅުމަށް އިންޑިއާގެ ޑްރަގް ރެގިއުލޭޓަރުން އިންކާރު ކުރުމަކީ، މި މަޝްރޫއުގައި ރަޝިއާއަށް ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ބެލެވިދާނެއެވެ. އެހެނީ، އިންޑިއާއަކީ އެވަރޭޖުކޮށް ބަލާއިރު، ކޮވިޑް-19ގެ އާ އިންފެކްޝަންތައް ރެކޯޑް އަދަދަކަށް ގިނަ ގައުމަކަށް ވުމުންނެވެ.

ޑރ ރެޑީޒް ލެބޯޓްރީޒް ލިމިޓަޑްއާއި ގުޅިގެން "ސްޕަޓްނިކް-5" ވެކްސިންގެ ފުޅާ ދާއިރާގެ ތަހުލީލިތައް އިންޑިއާގައި ކުރިއަށް ގެންދިއުމަށް ރަޝަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން އިއުލާން ކުރީ މިދިޔަ މަހުއެވެ.

ރަޝިއާއަކީ ކޮވިޑް-19އާ ދެކޮޅަށް ވެކްސިނެއް ބޭނުން ކުރުމަށް ރެގިއުލޭޓަރީ ރުހުން ދިން ފުރަތަމަ ގައުމެވެ. ނަމަވެސް ރަޝިއާއިން ތަރައްގީ ކޮށްފައިވާ "ސްޕަޓްނިކް-5" ގެ ފުރިހަމަ ސަލާމަތާ، ރައްކާތެރިކަމާ، ކާމިޔާބު ކަމާ މެދު ސުވާލުތަކެއް ވަނީ އުފެދިފައެވެ.