ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމަށް އެމެރިކާގެ ސަރުކާރުން އިޖާބަ ދިން ގޮތް ކުށްވެރިކޮށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރު "ވޯޓުން ބޭރު ކުރުމަށް"، ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ މެޑިކަލް ޖާނަލްއެއް ކަމަށްވާ، ދަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއިން ގޮވާލައިފިއެވެ.

ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް އިލްމީ ފެންވަރުގައި ޝާއިއުކުރަމުން އަންނަ މި ޖާނަލްއިން، އެމެރިކާގެ ސަރުކާރު ބޭރު ކުރަން ގޮވާލާފައި ވާއިރު، މިއީ މީގެ ކުރިން ހިނގާފައި ވާ ކަމެއް ނޫނެވެ.

ވޯޓުލައިގެން ޓްރަމްޕް ސަރުކާރު ބޭރު ކުރުމަށް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއިން ގޮވާލާފައިވަނީ، އެ ޖާނަލްގެ އިސްވެރިންތަކެއް ޝާއިއު ކުރި އެޑިޓޯރިއަލްއެއްގައެވެ.

ކޮވިޑް-19އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ/ފޮޓޯ: އިވާން ވޫޗީ

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގެ އެޑިޓާ އިން ޗީފް އަދި އާ އެޑިޓޯރިއަލްގެ މުސައްނިފު، ޑރ އެރިކް ރޫބިން ވިދާޅުވީ، ހުރިހާ އެޑިޓަރުންގެ ސޮއި ހިމެނޭ ގޮތަށް އެޖާނަލްއިން އެޑިޓޯރިއަލް ހިއްސާކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެއް ކަމަށެވެ.

ޑރ ރޫބިން ވިދާޅުވާ ގޮތުގައި މި އެޑިޓޯރިއަލްގެ ފުރަތަމަ ދެލިކޮޕީ އަކީ އޯގަސްޓް މަހު ތައްޔާރުކުރި އެއްޗެކެވެ. އޭރުވެސް، އަދި މިހަރުވެސް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކާ މަރުގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކުރަމުންދަނީ އެމެރިކާއިންނެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ، ކޮވިޑް-19ގެ ކާރިސާއަކީ ލީޑާޝިޕަށް ކުރިމަތިވި އިމްތިހާނެއް ކަމަށެވެ. މުޅިން އަލަށް ފެނުނު ވައިރަހަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގައުމުތަކަށް މާ ބޮޑު ފުރުސަތުތަކެއް ނެތް ކަމަށާ، މިއާއެކު މި ބަލިމަޑުކަމަށް އިޖާބަ ދޭނެ ގޮތެއް އަމިއްލައަށް ކަނޑައެޅުމަށް އެ ގައުމުތަކަށް މަޖުބޫރުވިކަމަށް އެޑިޓޯރިއަލްގައި ވެއެވެ. މިކަމުގައި އެމެރިކާގެ ލީޑާޝިޕް ވީ ފެއިލް ކަމަށާ، ކުރިމަތިވި ކާރިސާ އިތުރަށް ގޯސްކުރުވީވެސް އެމެރިކާގެ ލީޑާޝިޕުން ކަމަށް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއިން އާންމު ކުރި އެޑިޓޯރިއަލްގައި ވެއެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން ގެ އިދާރީ އޮފީހެއް / ފޮޓޯ: އެންވައިޓީ

ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބައެއްގެ ފުރާނަ ގެއްލިދިޔަ ދޭން ދޫކޮށްލާ، ފައިސާ އިސްރާފު ކުރުމަށް ފުރުސަތު ދީގެން އޮތް އޮތުމަކީ އެހެން ބަޔަކު ކުރި ކަމެއް ނަމަ ގާނޫނީ ފިޔަވަޅު ތަންފީޒު ކުރީސް ކަމަށާ، ނަމަވެސް އެމެރިކާގެ ލީޑާޝިޕުން، އެބައި މީހުންގެ ހަރަކާތްތަކަށް "ފުދޭ ވަރެއްގެ" ދިފާއެއް ހޯދާފައި ވާ ކަމަށް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއިން އާންމު ކުރި އެޑިޓޯރިއަލްގައި ވެއެވެ. ނަމަވެސް، ކުރިއަށް އޮތް އިންތިހާބަކީ، އެ ނިންމުން ބަދަލު ކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް މި އެޑިޓޯރިއަލްގައި ބަޔާންކޮށްފައި ވެއެވެ.

އަދުގެ ތާރީހުގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު ސިއްހީ ކާރިސާގައި، އެމެރިކާގެ އަދުގެ ލީޑާޝިޕަކީ ކަމަށް ނާގާބިލު ބައެއް ކަން ސާބިތުކޮށްދީފައި ވާ ކަމަށާ، މިކަން ތަކާރު ވުމަށް ފުރުސަތު ދީ، ވަޒީފާއި އެ މީހުން ބައިތިއްބެން ނެތް ކަމަށްވެސް ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންއިން އާންމު ކުރި އެޑިޓޯރިއަލްގައި ބަޔާންކޮށްފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސްކޮޓް އޯލްސަން

މީލާދީން 1812 ވަނައަހަރުން ފަށައިގެން ޝާއިއު ކުރަމުން އަންނަ ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިން އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އެންމެ ފެންވަރު ރަނގަޅު ޖާނަލްތަކުގެ ތެރެއިން އެއް ޖާނަލްއެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގެ ފަހުގެ ތާރީހަށް ބަލާއިރު، ހުރިހާ އެޑިޓަރުންގެ ސޮއި ހިމެނޭ ގޮތަށް އެޑިޓޯރިއަލްއެއް ޝާއިއު ކޮށްފައި ވަނީ އެންމެ 4 ފަހަރުއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބު ކުރިން ކުރިއަށް ގެންދިޔަ ފުރަތަމަ ބަހުސްގެ ތެރެއިން/ފޮޓޯ: ޖިމް ވޮޓްސަން

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ އެމެރިކާގައި ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވާ ދުވަހެވެ. ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައިވިއްދަވައިގެން ހުންނެވި ޓްރަމްޕާއި ޕެންސްގެ ޓީމާ ދެކޮޅަށް، އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވަނީ، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާއި ސެނެޓާ ކަމަލާ ހެރިސްގެ ޓީމެވެ. މިދަނޑިވަޅަކީ ޚުދު ޓްރަމްޕްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ދަނޑިވަޅެކެވެ.