ބޯޑަރުގެ މިލްކިއްޔާތުގެ މައްސަލާގައި އަޒަރުބައިޖާންއާއި އަރުމީނިއާއިން އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައި ވާއިރު، މިކަން އިތުރަށް ގޯސްވެ، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު، އީރާނުން ދީފިއެވެ.

އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚްގެ މިލްކުވެރި ކަމުގެ މައްސަލާގައި މި ދެ ގައުމުން ނުރައްކާތެރި ކުރިމަތިލުމަކަށް ގޮސްފައި ވާއިރު، މި ސަރަހައްދުގައި ހަމަޖެހުން ގާއިމު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ.

ރޫހާނީ ވިދާޅުވީ އަޒަރުބައިޖާންއާއި އަރުމީނިއާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގަމުންދާއިރު، ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވިޔަ ނުދިނުމަށް، އީރާނުން އިންތިހާއަށް ސަމާލުވެ އޮންނަންޖެހޭ ކަމަށެވެ.

އީރާނުގެ މަސައްކަތްތަކުގެ އަސާސަކީ ސުލްހަ ކަމަށާ، ސުލްހަވެރި ގޮތެއްގައި ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް އީރާނުން އުއްމީދު ކުރާ ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެއް/ފޮޓޯ: ގެޓީއިމޭޖަޒް

ހަމަ މިމެރޫމުން ރޫހާނީ ވަނީ، އަޒަރުބައިޖާންއާއި އަރުމީނިއާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް އީރާނުގެ ފަސްގަނޑަށް އަމާޒުވުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިންޒާރު ކުރައްވާފައެވެ.

ރޫހާނީ މިފަދަ ރޫހެއްގައި ވާހަކަފުޅުދެއްކެވީ، އަޒަރުބައިޖާންއާއި އަރުމީނިއާ ދެމެދު ބަދަލު ކުރި ހަމަލާތަކެއްގައި ބޭނުން ކުރި ޝެލްތަކެއް އީރާނުގެ އަވަށަކަށް ވެއްޓުނު ކަމަށް ބުނާ ރިޕޯޓްތަކަކަށް ފަހުގައެވެ.

އީރާނުގެ ބޯޑާ ގާޑްސް ކޮމާންޑަރު، ގާސިމް ރިޒާއީ ވިދާޅުވީ، ހަމަނުޖެހުން ހިނގަމުންދާ ސަރަހައްދުގައި އޭނާގެ އަސްކަރީ ފައުޖުތައްވެސް، ތައްޔާރީ ހާލަތުގައި ރުކުރުވާލާފައި ވާނެ ކަމަށެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކެއް ކައިރީގައި މީހަކު ހަރަކާތްތެރިވަނީ / ފޮޓޯ: ގެޓީ އިމޭޖަޒް

ނަގޮރްނޯ-ކަރަބަޚްގެ މިލްކުވެރިކަމުގެ މައްސަލާގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި މި ސަރަހައްދުން 70000 އެއްހާ މީހުންގެ ގެދޮރު މިހާރު ވަނީ ގެއްލިފައެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާއިރު، 300 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވާން ފަށާފައެވެ. އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.