ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް ސަރަހައްދީ ނިއުކްލިއާ ސުޕާޕަވަރުން ކަމަށްވާ އިންޑިއާއަށް އަމާޒުކޮށް، ޗައިނާއިން ދީފާނެ ހަމަލާއަކަށް، އިންޑިއާގެ ވައިގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށް، އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ޗީފް މާޝަލް އާރް ކޭ އެސް ބަދައުރިއާ ވިދާޅުވީ، އިންޑިއާގެ އަސްކަރިއްޔާ ރުކުރުވާލާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާ، ޗައިނާއާއިއެކު ބޯޑަރު ހިއްސާކުރާ އިރުމަތީ ލަދަކްއާއި އެނޫންވެސް ސަރަހައްދަކުން ޗައިނާއިން ދީފާނެ ކޮންމެ ހަމަލާއަކަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރު ވެފައި ވާ ކަމަށެވެ.

ލަދަކްއަކީ ކުޑަ ސަރަހައްދެއް ކަމަށާ، 3488 ކިލޯމީޓަރަށް ދެމިގެންދާ ބޯޑަރު ސަރަހައްދުގައި އަސްކަރީ ސަފުތައް ރުކުރުވާލާފައި ވާކަންވެސް އެއާ ޗީފް މާޝަލް ބަދައުރިއާ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިންޑިއާއާއި ޗައިނާ ހިއްސާކުރާ ލަދަކް ބޯޑަރު ސަރަހައްދުގަ/ފޮޓޯ: އޭއެންއައި

ޗައިނާގެ ހަމަލާއަކަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ އިސްވެރިޔާ ވިދާޅުވިއިރު، މި އަހަރުގެ މެއި މަހުން ފެށިގެން ބޯޑަރު ސަރަހައްދުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ނުފޫޒެއް އޮތް ކަމުގެ އިޝާރާތެއް އަދި ނުލިބޭ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނާއި އިންޑިއާ ހިއްސާކުރާ ސަރަހައްދުގައި ޗައިނާއިން އަސްކަރީ ހަރަކާތް ހިންގަން ފަށައިފިނަމަ، އެކަށީގެންވާ ގޮތެއްގައި އެކަމަށްވެސް އިންޑިއާއިން ރިއާޔަތް ކުރާނެ ކަމަށް އެއާ ޗީފް މާޝަލް ބަދައުރިއާ ވިދާޅުވިއެވެ. އިންޑިއާއާއި ކުރިމަތިލުމަށް ޗައިނާއަށް، ޕާކިސްތާނުގެ އެހީ ބޭނުން ވާނަމަ، އެކަމާ މެދު ދަންނަވާނެ އިތުރު އެއްވެސް އެއްޗެއް ނެތް ކަމަށްވެސް އިންޑިއާގެ ވައިގެ އަސްކަރީ އިސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ޗައިނާއާއި އިންޑިއާއާ ދެމެދު އިންތިހާއަށް މަސްރަހު ނުތަނަވަސްވެފައި ވާއިރު، ޑިޕްލޮމެޓިކް އިމުގެ ތެރެއިން މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ލަސް ދުވެއްޔެއްގައި ކަން އެއާ ޗީފް މާޝަލް ބަދައުރިއާ ވަނީ ފާހަގަކުރައްވާފައެވެ.