2019 ވަނަ އަހަރު ނިމުނު އިރު ސައުދީ އަރަބިއްޔާއިން 12353 ކިލޯގްރާމްގެ ރަން އުފައްދާފައި ވާ ކަމަށާ، މިއީ އޭގެ 5 އަހަރު ކުރިއާއި އަޅާ ބަލާއިރު، 158 ޕަސެންޓް އިތުރު މިންވަރެއް ކަމަށް، ސައުދީ އަރަބިއްޔާގެ ސަރުކާރުން ދާދި ފަހުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

2014 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން އުފައްދާފައި ވަނީ 4789 ކިލޯގްރާމްގެ ރަން ކަމަށް މައުލޫމާތު ލިބެއެވެ.

ރަނުގެ މައުދަން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޒޯޔާ

ސައުދީ ސަރުކާރުން އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، މި މުއްދަތުގައި ސައުދީގެ ރިހީގެ އުފެއްދުންތެރިކަން ވެސް ވަނީ ކުރިއަރާފައެވެ. 2014 ވަނަ އަހަރު 4800 ކިލޯގްރާމްގެ ރިހި އުފެއްދިއިރު، 2019 ވަނަ އަހަރު ނިމުނު އިރު ސައުދީއިން 5588 ކިލޯގްރާމްގެ ރިހި އުފައްދާފައިވެއެވެ.

2019ގެ ކުރިއަށް ފާއިތުވީ 5 އަހަރު ދުވަހުގެ މުއްދަތުގައި، ރަން، ރިހި، ލޮއި އަދި ޒިންކް ފަދަ މައުދަންތައް އެކުލެވޭނެ ހެން ސައުދީއިން ވަނީ 537 މިލިއަން ޓަނުގެ މައުދަން އުފައްދާފައެވެ.

ރަނާއި ހުދު ރަނުގެ ގަހަނާތަކެއް / ފޮޓޯ: އެންބީސީ ނިއުސް

ސައުދީ އަރަބިއްޔާއިން ވަނީ މިފަދަ މައުދަންތައް އުފެއްދުމާ ބެހޭ އާ ގާނޫނެއްވެސް މި މަހު އެކުލަވާލާފައެވެ. މި ގާނޫނު ތަންފީޒު ކުރަން ފަށާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ސައުދީ އަކީ ރަންރިހީގެ ވިޔަފާރި ކުރުމުގައި ދިވެހިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.