މީލާދީން 1994 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. ޓީޗަރުންގެ ދުވަހަކީ، ހުރިހާ އެންމެން ޝާމިލުވާ ފަދަ ގޮތަކަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި އެދުރުން އަދާކުރަމުންދާ ދައުރުގެ ހަނދާން އާ ކޮށްދެނިވި ދުވަހެކެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ބައްދަލު ކުރަންޖެހިފައި މިވަނީ، ހަމަ ލޮލަށް ނުފެންނަ ސިވިއާއެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހި، އިހު އުޅުނު އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދިނުން މެދުކަނޑާލާފައި އޮތުމަށްފަހު، މާލޭ ޒޯން ސަރަހައްދުގެ ޓީޗަރުންނާ ދަރިވަރުން، އޮކްޓޯބަރު 4، 2020 ގައި ސްކޫލްތަކަށް ހާޒިރުވަނީ/ފޮޓޯ: އެމްއޯއީ

އުނގަންނައި ދިނުމުގެ ދާއިރާގައި ހިދުމަތް ކުރަމުން އަންނަ ޓީޗަރުންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް، މި ބަލިމަޑުކަމުގެ ތެރޭގައި ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއްޖެއެވެ. އަދި ޓީޗަރުންނަކީ ބަލިމަޑުކަމަކާ އެކުގައިވެސް ދަރިވަރުންނަށް އުނގަންނައިދިނުމުގައްޔާ، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޖެހިލުމެއްނެތި މަސައްކަތް ކުރާ ބައެއްކަން ސާބިތުކޮށްދީފިއެވެ.

ފަރުވާއެއް، އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު، ގާތްގަނޑަކަށް 1.6 ބިލިއަން ދަރިވަރުންނަށް މި ކަމުގެ އަސަރު ފޯރިއެވެ. ސްކޫލްތައް ބަންދުކުރުމުގެ އަސަރު، ދަރިވަރުންގެ ގޮތުގައި ދަފުތަރުކޮށްފައިވާ އާބާދީގެ 90 ޕަސެންޓަށް ފޯރިއެވެ.

ޒޫމް ކުލާހުގައި ޓީޗަރަކަށް އަމާޒުކޮށް ބުލީކުރަމުންދިޔަ މަންޒަރު ގެ ސްކްރީން ގްރޭބެއް/ފޮޓޯ: އިންޑިއާ ޓުޑޭ

ތައުލީމާ ބެހޭ އދގެ އިދާރާ (ޔުނެސްކޯ)ގެ އިސްވެރިޔާ ހެންރިއެޓާ ފޯ، ދުވަހާ ގުޅުވައިގެން އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ކޮވީޑް-19ގެ ކާރިސާގެ އަސަރު، 63 މިލިއަން ޓީޗަރަކަށް ފޯރާފައިވާކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ތައުލީމީ ނިޒާމުގައި ހުރި ބަލިކަށި ބާގަނޑުތައް ހާމަވިއިރު، އިލްމު ހާސިލު ކުރުމަށް އޮތް ފުރުސަތުގައި ހަމަހަމަކަން ގެއްލިފައިވި މިންވަރުވެސް މި ކާރިސާގެ ތެރެއިން އަންގައިދީފިކަމަށް ފޯގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިލްމު ހާސިލުކުރުމަކީ އުމުރު ދުވަހަށްވެސް ނިމުން އޮތް ކަމެއް ނޫންކަން ސާބިތުކޮށްދިނުމަށް، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އުފެދުނު ކާރިސާގެ ތެރޭގައި ޓީޗަރުން ބުރަ މަސައްކަތްތަކެއް ކޮށްދެމުންދާކަން ފޯ ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވާން ފެށުމާއެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދިނުން މެދުކަނޑާލާފައި އޮތުމަށްފަހު، މާލޭ ޒޯން ސަރަހައްދުގެ ޓީޗަރުންނާ ދަރިވަރުން، އޮކްޓޯބަރު 4، 2020 ގައި ސްކޫލްތަކަށް ހާޒިރުވަނީ/ފޮޓޯ: އެމްއޯއީ

އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އެކަހެރިވެސް ވިޔަ ނުދީ އިލްމު ފޯރުކޮށްދިނުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރުމުގައި ޓީޗަރުން ދައްކަމުންދަނީ ނަމޫނާ ލީޑާޝިޕެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަކީ ދުނިޔެއަށް އާ އެތައް ހާލަތެއް ގެނުވި ކާރިސާއެކެވެ.

އިލްމު ފޯރުކޮށްދިނުމުގެ ނިޒާމުވެސް އިސްތިސްނާ ވެގެން ނުވާއިރު، ސިއްހީ މިންގަނޑުތަކުން އެންމެ ރައްކާތެރި އުސޫލުތަކަށް ބަލައިގެން ހުރިހާ ދަރިވަރުންގެ ޝާމިލުވުން އެކުލެވޭ ގޮތަށް އިލްމު ފޯރުކޮށްދިނުމުގައި ޓީޗަރުން މިހާރުވެސް ހަރަކާތްތެރިވަނީ މީގެ ކުރިން ލިބިފައި ނެތް އެތައް ހުނަރެއް ވަގުތުން ވަގުތަށް ދަސްކުރަމުން ކަމީ، ޓީޗަރުންގެ ޖެހިލުންކުޑަކަމާ ޝަހްސުގެ ވަރުގަދަ އަންގައިދޭ ކަމެކެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހަށް ހާއްސަކޮށްގެން ޔުނެސްކޯއިން ތައްޔާރުކޮށްފައިވާ ޕޯސްޓަރު/ފޮޓޯ: ޔުނެސްކޯ

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ދެއްވި ހާއްސަ މެސެޖުގައި ފޯ އިތުރަށް ވިދާޅުވީ، ސްކޫލްތައް އަލުން ހުޅުވާ، ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން އިލްމު ފޯރުކޮށްދިނުމުގެ މަސައްކަތް އަލުން ފެށުމަށް ބާރު އެޅުމުގައި މުދައްރިސުންގެ ދައުރު ބޮޑު ކަމަށެވެ.

މި ވަގުތަކީ ކޮވިޑް-19އަށް ފަހު، މުސްތަގުބަލުގައި ކުރިއަރާ ދާންވީ ގޮތާ މެދު ވިސްނަން ވީ ވަގުތު ކަމަށް ފޯ ވިދާޅުވިއެވެ. އަދި ހުރިހާ ހާލަތަކަށް އަހުލުވެރި ތައުލީމެއް ނިޒާމެއް ކަށަވަރު ކުރަންވީ ވަގުތު ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ތައުލީމީ ދާއިރާއަށް ލިބޭ މާލީ އެހީތެރިކަން ކަށަވަރު ކުރުމާ، ޒަމާނީ އިލްމު ފޯރުކޮށްދިނުމުގެ ވަސީލަތްތަކުގައި އިންވެސްޓް ކުރުމާ، ޓީޗަރުންގެ އަމިއްލަ އިލްމީ ގާބިލިއްޔަތުކަން ކުރިއެރުވުމަށް އިހުނަށްވުރެ ގަދަ އަޅާ މަސައްކަތް ކުރުން ފަދަ ކިތަންމެ ކަމެއް ކުރަންޖެހިފައިވާ ކަން ޔުނެސްކޯގެ އިސްވެރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކަޝްމީރުގެ މައި ސިޓީކަމަށްވާ ސްރީނަގަރުގެ ޕްރައިމަރީ ސްކޫލެއްގެ ކުލާސްރޫމް ފަޅަށް/ފޮޓޯ: ޑީއެންއޭއިންޑިއާ

ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅާ، އިންވެސްޓްމަންޓް އިތުރު ނުކުރެވިއްޖެ ކަމުގައި ވަނީ ނަމަ، ތައުލީމު ހާސިލު ކުރުމަށް އަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް، މުސްތަގުބަލުގައި ކާރިސާއަކަށް ބަދަލުވެ ހިނގައިދާނެ ކަމުގެ އިންޒާރުވެސް ފޯ ވަނީ ދެއްވާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިއަށް ނަޒަރު ހިންގާލި ކަމުގައި ވީ ނަމަވެސް، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ދިރިއުޅޭ، އުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ ކުދިންނަކީ، އަމިއްލައަށް ވާހަކައެއް ލިޔާނެ އިލްމު ނެތް ކުދިންކަން ޔުނެސްކޯއިން ފާހަގަކުރެއެވެ.

ކަން މިހެން އޮތް އިރު، މިފަދަ ކާރިސާއަކަށް އަހުލުވެރި ޓީޗަރުންގެ "ފައުޖެއް" ބިނާ ކުރުމަށްޓަކައި، ބްލެންޑަޑް ނުބަތަ ހައިބްރިޑް އުސުޅުން ތައުލީމު ފޯރުކޮށްދިނުމަށާ، އޮންލައިން އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިލްމީ މަންހަޖު ތަންފީޒު ކުރުމަށް ޓީޗަރުން ހޭލުންތެރިކޮށް ތަމްރީނު ދިނުން މުހިންމު ކަން ޔުނެސްކޯއިން ފާހަގަކުރެއެވެ. ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ތަނަވަސްކަމާ، އޮންލައިން ގުޅުންތަކަކީ ރަށްފުށުގެ އެކަހެރި ހިސާބުތަކަށްވެސް ކަށަވަރުވަނިވި ހިދުމަތެއް ކަމުގައި ހެދުމަށް ޔުނެސްކޯއިންވަނީ ސަރުކާރުތަކަށް ގޮވާލާފައެވެ.

ސެސަމީ ސްޓްރީޓް ތީމަށް ރެފިއުޖީ ކުދިންނަށް ހާއްސަކޮށްގެން އައިއާރްސީއިން ހިންގާ ކުލާހެއް/ފޮޓޯ: އައިއާރްސީ

ހަމަ މިއާއެކު، ޔުނެސްކޯގެ އިސްވެރިޔާ ވަނީ، ޓީޗަރުންނަށް ސަލާމަތާއި ރައްކާތެރި ކަނަށަވަރުކޮށްދީ، ސިއްހީ ދުޅަހެޔިކަމާ، ވަޒީފާގެ ޔަގީންކަން ކަށަވަރު ކޮށްދިނުމަށް ސަރުކާރުތަކާ، އިޖުތިމާއި ބައިވެރިންނާ އެނޫންވެސް މުހިންމު ހިއްސާދާރުންނަށް ގޮވާލައްވާފައެވެ. އަދި ކޮވިޑް-19ގެ އިޖާބައާއި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކަމާ ގުޅުން ހުރި ދާއިރާތަކުގައި ޓީޗަރުންގެ ބައިވެރިވުން ޝާމިލު ކުރުމަށްވެސް ފޯ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ވަގުތަކީ ތައުލީމީ ނިޒާމުގެ ކުރިމަގާ މެދު އާ ނަޒަރަކުން ތަސްވީރު ދެކެން ޖެހިފައިވާ ވަގުތެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ބުރަ މަސައްކަތަށް ޖީލު ބީނާކުރުމުގެ މަސައްކަތް ކުރަންވީ ވަގުތަކީވެސް މިއީއެވެ. ޓީޗަރުންގެ ދުވަހުގެ މި އަހަރުގެ ޝިއާރުވެސް ބައްޓަން ކުރެވިފައިވަނީ މި މޭރުމުންނެވެ. މި އަހަރުގެ ޝިއާރު އަމާޒު ކޮށްފައިވަނީ ކާރިސާގެ މިވަގުތުގައި މުދައްރިސުން ދައްކަމުންދާ ގަދަ ހިތްވަރާ، މުސްތަގުބަލުގެ ތަސްވީރު ބަދަލު ކުރުމުގެ މައްޗަށެވެ.