ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހްގެ ކުއްލި މަރާ ގުޅޭ ގޮތުން، އޭނާގެ ކައްކާ ނީރާޖު ސިންހް، އާދަޔާ ހިލާފު ވާހަކަތަކެއް ދައްކާފައި ވާކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ޓައިމްސް ނައުއަށް ނީރާޖު ސިންހް ދީފައިވާ އިންޓަވިއުއަކާ ހަވާލާދީ، އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސޫޝާންތަށް ޑްރަގްސް ދިނުމުގައި ހަރަކާތްތެރި ވެފައިވަނީ ސެމިއުލް މިރެންޑާ، ޝޯވިކް ޗަކްރަބަތީ އަދި ދިޕޭޝް ސާވަންތްއެވެ. އެމީހުންނަކީ ސުޝާންތަށް ޑްރަގްސް ދޭ މީހުންނަކީ، ވަކުން ހާއްސަކޮށް، މެރުއާނާ ފޯރުކޮށްދެނީ އެމީހުން ކަމަށް ސުޝާންތުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނީރާޖު ބުނެފައި ވާކަމަށް ޚަބަރު ލިބެއެވެ.

ސުޝާންތު ދިރިއުޅެމުންދިޔަ ބަންޑްރާ ރެސިޑެންސްގައި، ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު، އޭގެ ކުރިން އެ ތަނުގައި ޕާޓީއެއް އޮތްކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް، ޖޫން މަހުގެ 13 ވަނަ ދުވަހު އެ އެޕާޓްމަންޓްގައި ޕާޓީއެއް ނެތް ކަމަށްވެސް ކައްކާ ވަނީ ބުނެފައެވެ.

ސުޝާންތު މަރުވުމުގެ އެއް ދުވަސްކުރިން، އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީއާއި ބައްދަލުވެފައި ވާކަމަށް ދެކެވުނު ވާހަކަތަކުގައިވެސް ހަގީގަތެއް ނެތް ކަމަށް، ސުޝާންތާ އެއް އެޕާޓްމަންޓެއް ހިއްސާ ކުރަމުންދިޔަ ސިދާތު ޕަތާނީ ވަނީ ބުނެފައެވެ. ޕާތާނީ ބުނާ ގޮތުގައި، އެ އެޕާޓްމަންޓުން ޖޫން 8 ވަނަ ދުވަހު ރިއާ ނިކުމެގެން ދިޔަ ފަހުން، ސުޝާންތްއާ ބައްދަލުވެފައެއް ނުވެއެވެ. އަދި ވަޓްސްއެޕުންވެސް ސުޝާންތު ބްލޮކްކޮށްފައި ވާކަމަށް، ޕަތާނީ ވަނީ ބުނެފައެވެ.