ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަކުރަމުން އަންނަ ބޮލީވުޑްގެ ޕާޓީތަކުގައި ޑްރަގްސް ބޭނުން ކުރުމަކީ އިންތިހާއަށް އާންމުވެފައި ވާ ކަމެއް ކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ މަސްދަރަކާ ހަވާލާދީ، އެ ގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތު ސިންހްގެ ކުއްލި މަރުގެ ތަހުގީގުގެ ތެރެއިން ކުރި ފަޅައިގެން އުޅޭ ޑްރަގްގެ މައްސަލައާއެކު، މީޑިއާގެ ސަމާލުކަން މުޅިންހެން ހުއްޓިފައި ވަނީ، ބޮލީވުޑްގެ ދުނިޔޭގައި ޑްރަގްސްގެ މައްސަލަ ފެތުރިފައިވާ މިންވަރުގެ މައްޗަށެވެ.

އެންސީބީގެ މަސްދަރަކާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ބޮލީވުޑްގެ ޕާޓީތަކުގައި ޑްރަގްސް ބޭނުން ކުރުމަކީ އިންތިހާއަށް އާންމުވެފައި ވާ ކަމަކަށް ވާއިރު، އެކްޓަރުން ޑްރަގްސް ހޯދަނީ އެމީހުންގެ ޕީއާރް މެނޭޖަރުން މެދުވެރިކޮށް ކަންވެސް ވަނީ ހާމަވެފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގުން އުފެދުނު ޑްރަގްސްގެ މައްސަލާގައި ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކަކާ ސުވާލު ކުރަމުންދާއިރު، ދީޕިކާ ޕަދުކޯން، ޝްރައްދާ ކަޕޫރު އަދި ސާރާ ޢަލީ ހާން ފަދަ ތަރިންނަށް، "ކުށުން ބަރީއްޔަ ވިކަމުގެ ހުދު ޗިޓް" ދީފައި ވާކަމަށް ފެތުރުނު އަޑުތައް، އެންސީބީއިން ވަނީ ދޮގު ކޮށްފައެވެ.

ސުޝާންތުގެ މަރަކީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ކުރި ކަމެއް ކަމަށް އޮތް ފުރުސަތަށް ރިއާޔަތް ކުރުން އަދި މުޅިން ހުއްޓާނުލާ ކަމަށް ޚަބަރު ލިބެއެވެ. ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާއިރު، އޭނާގެ ކަރުގައި ހުރި ނިޝާންތަކާ މިކަމާ ފުށުއެރުންތަކެއް ހުރި ކަން، އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ފާހަގަކޮށްފައެވެ.