ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އިން ދިފާއުވުމަށް ތަރައްގީ ކުރާ ކާމިޔާބު ވެކްސިނަކާ އެކުގައިވެސް، އަންނަ އަހަރުގެ ބަހާރު މޫސުމުގެ ދުވަސްވަރު އަންނައިރުވެސް، އިހު އުޅުނު އާންމު ދިރިއުޅުމަށް ރުޖޫއަ ނުވެވިދާނެ ކަމަށް، ތަޖުރިބާކާރު ސައެންސްވެރިންގެ ޓީމަކުން އިންޒާރު ކޮށްފިއެވެ.

ވެކްސިނަކީ ބޮޑު ބަލިމަޑުކަމުން އަރައިގަތުމަށް އޮތް މަގު ކަމަށް މީގެ ކުރިން އޮތީ ހީވެފައެވެ.

ނަމަވެސް، އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީއިން އެކުލަވާލި ދިރާސާގައި ބުނެފައިވަނީ ވެކްސިނަކުން ހާސިލު ކުރެވޭނެ ކާމިޔާބިއާއި، ހާސިލުވާނެ މިންވަރާ މެދު ހަގީގީ ނަޒަރަކުން ބަލަންޖެހޭ ކަމަށެވެ.

ވެކްސިނެއް ތަރައްގީކޮށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް އަދި އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވޭއިރު، "ލުއިދޭންވީ މަޑުމަޑުން" ކަމަށެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 200 އަށްވުރެ ގިނަ ވެކްސިން ތަރައްގީ ކުރަމުންދާއިރު، މި މަސައްކަތްތައް ކުރިއަށްދަނީ ތާރީހު ނުދެކޭހާ ހަލުވި ދުވެއްޔެއްގައެވެ.

އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ނޭޝަނަލް ހާޓް އެންޑް ލަންގް އިންސްޓިޓިއުޓް ގެ ޑރ ފިއޯނާ ކަލީ ވިދާޅުވީ، ވެކްސިނަކީ ބަލިމަޑުކަމެއް ނިމުމަކަށް ގެންނާނެ ކަމުގެ އުއްމީދު އާ ކޮށްދޭ އެއްޗެއް ކަމަށެވެ. ނަމަވެސް މާޒީއަށް ބަލާއިރު، ވެކްސިން ތަރައްގީ ކުރުމުގެ މަރުހަލާގައި ފެއިލްވުންތަކެއް ފެނިގެން ގޮސްފައި ވާ ކަމަށެވެ.

މިއަހަރު ތެރޭގައި ބައެއް މީހުންނަށް ވެކްސިން ލިބޭނެ ކަމަށް ބެލެވޭއިރު، ފުޅާ ދާއިރާއެއްގައި ވެކްސިން ދެވެން ފަށާނީ އަންނަ އަހަރު ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް ރޯޔަލް ސޮސައިޓީއިން ވަނީ، މި ކަމަކީ ދިގު މަރުހަލާއެއް އޮތް ކަމެއްކަން ފާހަގަކޮށްފައެވެ.

އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ކެމިކަލް އިންޖިނޭރިންގްގެ އިސްވެރިޔާ ޕްރޮފެސާ ނިލޭ ޝާހް ވިދާޅުވީ، ވެކްސިނެއް ލިބުމަކީ މަހެއްހާ ދުވަހުގެ ތެރޭގައި އެންމެނަށް ވެކްސިން ދީ ނިމުން ނޫން ކަމަށެވެ. ޕްރޮފެސާ ޝާހް ވިދާޅުވީ، މިއީ 6 މަސް، 9 މަސް ނުވަތަ އަހަރެއްހާ ދުވަސްވެސް ހޭދަވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވާ ގޮތުގައި އިނގިރޭސިވިލާތަށް ބަލާއިރުވެސް އެންމެނަށް ވެކްސިން ދިނުމަށް ހާއްސަ ތަމްރީނު ދެވިފައިވާ 30000 ފުލްޓިމް މުވައްޒަފުން ބޭނުންވާނެއެވެ.

އަންނަ އަހަރުގެ ބަހާރު މޫސުން ނުވަތަ މާޗް މަސް އަންނައިރު، ކުއްލިއަކަށް އާންމު ހާލަތަށް ރުޖޫއަވެވިދާނެތޯ ސުވާލު ކުރުމަށްވެސް ޖާގަ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ސޮސައިޓީއިން އެކުލަވާލި ދިރާސާއަށް ބަލާއިރު، އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ވެކްސިނަކީ އެއް ފަހަރުން ކާމިޔާބު ވާނެ ވެކްސިނެއް ކަން ނުވަތަ ނޫންކަންވެސް އަދި ނޭނގެއެވެ. އެއް ފަހަރު ވެކްސިން ޖެހުމަށްފަހު، ބޫސްޓާ ވެކްސިނެއް ބޭނުން ވުމުގެ ފުރުސަތުވެސް އެބަ އޮތެވެ.