ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ތަރައްގީކޮށް، މުޅި އިންސާނިއްޔަތަށް އެއް ހަމައަކުން ވެކްސިން ފޯރުކޮށް ދިނުމަށް އދ އިން ފަށާފައިވާ މަޝްރޫއަށް މިހާރުން މިހާރަށްވެސް އިތުރު ފައިސާ ބޭނުންވާ ކަމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންސާނީ ހަޟޯރަތަށް ފޯރުކޮށް ދިނުމަށް އދ އިން ފަށާފައިވާ އެކްސެސް ޓު ކޮވިޑް-19 ޓޫލްސް (އޭސީޓީ-އެކްސެލެރޭޓާ) އާއި ކޮވެކްސް ފެސިލިޓީއަކީ، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންއާއި، ބަލިޖެހޭ މީހުންނަށް ފަރުވާއާއި، ޓެސްޓު ތަރައްގީ ކުރުމާއި އުފެއްދުމުގެ ދުވެލި ހަލުވިކޮށް، އެންމެނަށް އެއް ހަމައަކުން ފޯރުކޮށް ދިނުމަށް އޭޕްރިލް މަހު ލޯންޗްކުރި މަޝްރޫއެކެވެ.
މަޝްރޫއު ފަށައިގަތުމަށް ބޭނުންވާ 3 ބިލިއަން ޑޮލަރު ކަށަވަރު ވެފައި ވީ ނަމަވެސް، އިތުރު 35 ބިލިއަން ޑޮލަރު ބޭނުން ވެއެވެ. މީގެ ތެރެއިން 15 ބިލިއަން ޑޮލަރަކީ މިހާރުން މިހާރަށް ބޭނުންވާ ފައިސާ ކަމަށް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ސިނގިރޭޓަށްވެސް 35 ބިލިއަނެއްހާ ޑޮލަރު ހަރަދު ކުރާކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވަނީ ފާހަގަ ކުރައްވާފައެވެ.
ގުޓެރޭޒް ވަނީ މަޝްރޫއު ކާމިޔާބު ކުރުމަށް އޮތް ފުރުސަތު ބަންދުވަމުން އަންނަ ކަމަށާ، އިތުރު ލަސްތަކެއް ކުރިމަތިވެއްޖެ ނަމަ، ދިފާއީ ވެކްސިނާއި ފަރުވާ ފަދަ ވަސީލަތްތައް ލިބުމުގައި އިންސާފު ނުލިބުން ގާތްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އޭސީޓީ-އެކްސެލެރޭޓާ މަޝްރޫއަށް ގައުމުތަކުން އެހީ ފޯރުކޮށްދިނުމުގައި، ހަމައެކަނި އެހީގެ ބަޖެޓް ތަކަށް ކަނޑައަޅާފައިވާ މިންގަނޑުތަކުން ހަރަދުކޮށްގެން ވާން ނެތް ކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް މަހަކު 375 ބިލިއަން ޑޮލަރުގެ ގެއްލުން ވަމުން ދާއިރު، މިހާތަނަށް 500 މިލިއަން ވާޒީފާ ވަނީ އުވާލާފައެވެ.