ކުއްލި ގޮތަކަށް މަރުވި، ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތު ސިންހްގެ ބައްޕަ، ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރާއި ބައްދަލުކޮށްފިއެވެ.

އާއިލާއާ ގާތް މަސްދަރުތަކަކާ ހަވާލާދީ އިންޑިއާ މީޑިއާއިން މިއަދު ރިޕޯޓް ކޮށްފައި ވާ ގޮތުގައި ސުޝާންތުގެ ބައްޕަ، ކޭކެ ސިންހް، 74، ކުމާރާއި ބައްދަލު ކޮށްފައިވަނީ ސުޝާންތުގެ މަރާ ގުޅިގެން ހިންގަމުންދާ ތަހުގީގުތަކުގެ ތެރެއަށް ވަންނަވާ، ސުޝާންތަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާ ކުރުމުގެ ގޮތުންނެވެ.

މިކަމުގެ ތެރެއަށް ޗީފް މިނިސްޓަރު ނުވެންނެވި ނަމަ މަހާރާޝްތްރާގެ ސަރުކާރުން، މި ކޭސް އޮއްބާލީސް ކަމަށް ސުޝާންތުގެ އާއިލާއާ ގާތް މަސްދަރުތަކުން ބުނެއެވެ. ޖޫން 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި އޮއްވާ ފެނުނު ހިސާބުން އެ މަރާ ގުޅޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ދެކެވެން ފެށުނެވެ. އެއަށްފަހު ސުޝާންތުގެ ބައްޕަ ވަނީ، ސުޝާންތުގެ ލޯބިވެރިޔާ އަދި ބޮލީވުޑް ބަތޮލާ ރިއާ ޗަކްރަބަތީއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް، ޖުލައި 25 ވަނަ ދުވަހު، ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އިންޑިއާގެ ސީބީއައިއިން މައްސަލަ ތަހުގީގު ކުރުމަށް ބިހާރުގެ ސަރުކާރުން ލަފާ ދިނީ އޯގަސްޓް 4 ވަނަ ދުވަހުއެވެ.

ކަން މިހެން އޮތް އޯލް އިންޑިއާ މެޑިކަލް ސައެންސަސް (އެއިމްސް) ފޮރެންސިކް ޑިޕާޓްމަންޓުން ވަނީ ސުޝާންތުގެ މަރުގެ ތަހުގީގު ރިޕޯޓް، ސީބީއައިއާއި ހިއްސާކޮށް، ވަރުގަދަ ސުވާލެއްވެސް ފެންމަތިކޮށްފައެވެ. ސީބީއައިއިންވަނީ، ސުޝާންތުގެ މަރާ ގުޅިގެން ހެދި އޮޓޮޕްސީގައި، އޭނާ މަރުވި ކަމަށް ލަފާކުރާ ގަޑި ބަޔާންކޮށްފައި ނުވަނަތީ ކީއްވެތޯ ކަމާ ބެހޭ ފަރާތްތަކުގެ ކިބައިން ސުވާލު ކޮށްފައެވެ. މީގެ އިތުރުން ސުޝާންތުގެ އިޓޮޕްސީ ހަދާފައިވަނީ ފަނޑު އައްޔެއް ހުންނަ ކުޕާ ހޮސްޕިޓަލުގެ ޕޯސްޓް މޯޓަމް ރޫމްގައި ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ސުޝާންތުގެ މަރާ ގުޅިގެން އެކި ކުރި ފަޅާފައިވާއިރު، ޑްރަގާއި މަނީ ލޯންޑަރިންގްގެ މައްސަލަތަކެއް ފެންމަތިވެ، ބޮލީވުޑްގެ އޭ-ލިސްޓު ތަރިންތަކަކާވެސް ވަނީ ސުވާލު ކުރަން ފަށާފައެވެ.

ސުޝާންތުގެ މަރަށް، އިންޑިއާގެ މީޑިއާގެ ސަމާލުކަން ހުސްކޮށްލައިގެން އޮތް މި ދަނޑިވަޅަކީ، ބިހާރުގެ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން މަހާރާޝްތްރާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުން ވަނީ، ބިހާރުގެ ސަރުކާރުން ސުޝާންތުގެ މަރު، ސިޔާސީ ކުރަން އުޅޭ ކަމުގެ ތުހުމަތު ފެންމަތިކޮށް، އިންތިހާބަށް ކަޅިއަޅަމުން އަންނަ ކަމަށް ތުހުމަތު ކޮށްފައެވެ. ބިހާރު ފުލުހުންގެ ކުރީގެ އިސްވެރިޔާ ގުޕްތީޝްވަރު ޕާންޑޭ ވަނީ، އަލުން ނިތީޝް ކުމާރާ ގުޅިވަޑައިގެންފައި ކަމަށް ޚަބަރު ލިބެއެވެ.