ކުވައިތުގެ ވަލީއަހުދު ނައްވާފުލް އަހުމަދު، އެގައުމުގެ އަމީރުކަމުގެ ހުވާކުރެއްވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެއެވެ.

ކުވައިތްގެ އަމީރަށް މަރުހަބާ ވިދާޅުވުމަށް ރައީސް ސޯލިހް ވަނީ ޓުވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި ވިދާޅުވީ އަމީރު ނައްވާފުލް އަހުމަދުގެ ލީޑަޝިޕްގެ ދަށުން ކުވައިތަށް އިތުރު ކުރިއެރުން ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ކުވައިތުގެ އަމީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 83 އަހަރުގެ ނައްވާފުލް އަހުމަދު އަމީރުކަމުގެ ހުވާ ކުރެއްވީ ޕާލަމެންޓްގެ ކުރިމަތީގައި ކަމަށެވެ.

އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދެވި އުމުރުން 91 އަހަރުފުޅުގެ ކުވައިތުގެ އަމީރު ސޮބާހް އަލް އަހުމަދު އަލް ޖާބިރު އަލް ސޮބާހް އަވާހަރަވެފައި ވަނީ އިއްޔެއެވެ.

ކުވައިތުގެ ދަސްތޫރުގައިވާ ގޮތުން އަމީރު އަވަހާރަވެއްޖެ ހާލަތެއްގައި އަމީރަކަށް ވެވަޑައިގަންނަވާނީ ވަލީއަހުދު ނަމަވެސް އެކަން އިއުލާނުކުރާނީ ކުވައިތުގެ ވަޒީރުންގެ މަޖިލީހުންނެވެ.

ކުވައިތުގެ އައު އަމީރު ޝެއިހް ނައްވާފް އަލްއަހްމަދަކީ 1937 ވަނައަހަރު ދުނިޔެގެ އަލިކަން ދެކެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ 1962 ވަނައަހަރު ކުވައިތަށް މިނިވަންކަން ލިބުމަށްފަހު އެގައުމުގެ ސިޔާސީ މައިދާނު އިސްސަފުގައި ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅެއްވެސް މެއެވެ. މީގެ އިތުރުން ޝެއިހް ނައްވާފް ތައުލީމު ހާސިލް ކުރެއްވީ ކުވައިތުގެ ރަސްމީ ނިޒާމުގައި ހިމެނޭ މަދްރަސާތަކުންނެވެ.