އީރާނުގެ އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ގޮފީގެ ގޮތުގައި އޮތް އިރާނިއަން ރިވަލޫޝަނަރީ ގާޑްސްގެ ފަރާތުން ތަމްރީނު ލިބިގެން ހިންގަމުންދިޔަ "ޓެރަރިސްޓް ސެލް"އެއް ރުޅާލާފައި ވާ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށް، ހަތިޔާރާއި ގޮވާތަކެތި އަތުލާފައި ވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނާއިރު، އީރާނަށް އަމާޒު ކުރާ ތުހުމަތަކީ، ކަނޑައެޅިގެން ހަދައިގެން ދައްކާ ވާހަކައެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ސައުދީގެ ޕްރެސިޑެންސީ އޮފް ސްޓޭޓް ސެކިއުރިޓީގެ ތަރުޖަމާނަކު އާންމު ކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ، ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އީރާނުން ތަމްރީނު ހޯދާފައިވަނީ 3 މީހެއް ކަމަށާ، ދެން ތިބި މީހުންނަކީ އެކި ޒިންމާތަކާއެކު "ސެލް"ގެ ކަންކަމުގައި ޝާމިލުވާ މީހުން ކަމަށެވެ.

އީރާނުން ތަމްރީނު ހާސިލުކުރި މީހުން ގޮވާތަކެތި ހަދަންވެސް ދަސްކޮށްފައިވާ ކަމަށާ، އަސްކަރީ މައިދާންތަކުގައި ހަރަކާތްތެރިވާނެ ގޮތާ ގުޅޭ ފީލްޑް ތަމްރީނުތައްވެސް ފުރިހަމަ ކޮށްފައި ވާކަމަށާ، ރިވަލޫޝަނަރީ ގާޑުންގެ ބިންތަކުގައި، އެތައް ހަފުތާއެއް ވަންދެން އެ ތަމްރީނުތައް ކުރިއަށް ގެންދިޔައީ 2017 ވަނަ އަހަރުގެ ފަހުކޮޅު ކަމަށްވެސް ސައުދީ އިން ބުނެއެވެ.

މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން އީރާނު ހާރިޖިއްޔާގެ ތަރުޖަމާނު ސައީދު ޚަތީބުޒާދީ ވިދާޅުވީ، މިއީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށާ، މިއީ އެއްވެސް ވަރަކަށް އިތުބާރު ނެތް ގޮތެއްގައި ސައުދީއިން ތަކުރާރު ކުރަމުން އަންނަ ތުހުމަތުތަކެއް ކަމަށެވެ.

ސިޔާސީ ހިޔާލު ތަފާތުވުންތައް ހަވާސާ ކުރުމަށްފަހު ނަޒަރު ހިންގާއިރު، މިއީ އާންމުންގެ މެދުގައި އީރާނާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށް ސައުދީގެ ވެރިން ކުޅޭ ކުޅިވަރެއް ކަމަށް ޚަތީބުޒާދީ ވިދާޅުވިއެވެ. އަދި މިއީ ސައުދީ ފެއިލްވަމުންދާ ދިއުން ފޮރުވުމަށް ބޭނުން ކުރާ އުކުޅެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، މިކަމުން ސައުދީއަށް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވެ، ޚަތީބުޒާދީ ވަނީ، ތެދުވެރިކަމާ ހެޔޮ ވިސްނުމުގެ މަގު އިހުތިޔާރު ކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮވާލައްވާފައެވެ.