ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހްގެ ކުއްލި މަރާއެކު ހިންގަން ފެށި ތަހުގީގުތަކުން ފެންމަތިވި ޑްރަގްގެ މައްސަލާގައި ޖަލު ބަންދުގައި ހުރި ލޯބިވެރިޔާ އަދި ބަތޮލާ ރިއާ ޗަކްރަބަތީ، ކަފާލާތު ދަށުން މިނިވަން ކުރުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ އެޑީޝަނަލް ސޮލިސިޓާ ޖެނެރަލް (އޭއެސްޖީ) އަނީލް ސިންހް، އިންކާރު ކުރައްވައިފިއެވެ.

ރިއާގެ އިތުރުން، ޑްރަގްގެ މައްސަލާގައި ދައުވާ ލިބޭ ޝޯވިކް ޗަކްރަބަތީއާއި އަދިވެސް އިތުރު ބައެއްގެ ކަފާލާތަށް އޭއެސްޖީ އަނީލް ސިންހް ވަނީ އިންކާރު ކުރައްވާފައެވެ.

ސުޝާންތުގެ މަރުގެ ތަހުގީގާއިއެކު ފެންމަތިވި ޑްރަގްގެ މައްސަލަގައި ރިއާގެ ވަކީލު ސަތީޝް މަންޝީދޭ ބުނީ، ޑްރަގް ކޭހާއި ގުޅިގެން ސުޝާންތުގެ ފޯނުން ނަގާފައިވާ އެއްވެސް ޑޭޓާއެއް، އެންސީބީގައި ނެތް ކަމަށެވެ.

އިންޑިއާގެ ފިލްމު ސިޓީ، މުމްބާއީގެ ހައި ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ރިއާގެ ވަކީލު ބުނީ، ރިއާއެކު ސުޝާންތު ދިރިއުޅެން ފެށުމުގެ ކުރިންވެސް އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާ، ސުޝާންތް އެކަމަށް ފަރުވާވެސް ހޯދަމުން ދިޔަ ކަމަށެވެ.

ތަހުގީގުތަކުގައި ބޮލީވުޑްގެ ވަރުގަދަ ނަންތަކެއް ބަޔާން ކުރަމުން އަންނައިރު، އަރުބާޒް ހާން ވަނީ މިކަމުގެ ތެރޭގައި އޭނާގެ ނަން "ގެނެސްފައި" ވާތީ، އަބުރުގެ ދައުވާ އުފުލާފައެވެ.

ސުޝާންތުގެ މަރަކީ ގާތިލެއްގެ ހަމަލާއެއް ކަމަށް ބައެއް މީހުން ބުނާއިރު، ކަލީނާ ފޮރެންސިކް ސައެންސް ލެބޯޓްރީއިން މިއަދު ވަނީ، ސުޝާންތަށް އެއްވެސް ކަހަލަ ވިހައެއްގެ އަސަރު ކޮށްފައި ނުވާކަން ކަށަވަރުވެފައި ވާކަނަށް ހާމަކޮށްފައެވެ. ކަން މިހެން އޮތް ނަމަވެސް، އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި، ސުޝާންތުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އެމްބިއުލާންސް ޑްރައިވަރު ވަނީ، ވިހައިގެ އަސަރެއް ނެތް ނަމަވެސް، ސުޝާންތުގެ ހަށިގަނޑު އޮތް ގޮތަށް ބަލާއިރު، އެއީ އެހެން މީހަކު ކުރި ކަމެއްކަން އެނގޭ ކަމަށް ބުނެފައެވެ.