އަޒަރުބައިޖާންއާއި އަރުމީނިއާ ހިއްސާކުރާ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގައި ހިންގަމުންދާ ކުރިމަތިލުންތަކުގައި 100 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންގެ ބައެއް ކަމުގައި ކަނޑައަޅާފައި އޮތް ނަމަވެސް، 1994 ވަނަ އަހަރު ކުރި ހަނގުރާމަ އަކަށް ފަހު، މި ސަރަހައްދު ކޮންޓްރޯލް ކުރަނީ އަރުމީނިއާ މީހުންނެވެ.

އާދީއްތަ ދުވަހުން ފަށައިގެން މި ސަރަހައްދުގައި 2 ގައުމުގެ ބާރުތަކުން ކުރިމަތިލުން ދާއިރު، އަމިއްލައަށް ވަކި ދައުލަތެއްގެ ގޮތުގައި އިއުލާން ވެގެން އުޅޭ ނަގޮރްނޯ-ކަރަބަޚް ސަރަހައްދުން 84 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ނަގޮރްނޯ-ކަރަބަޚްގެ މައްސަލަ ހޫނުވަމުން އަންނައިރު، މިކަމާ ބެހޭ ގޮތުން އަދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭގެ ވަގުތެއްގައި ކުރިއަށް ގެންދާނެ ކަމަށް ޚަބަރު ލިބެއެވެ.

ނަގޮރްނޯ-ކަރަބަޚް ސަރަހައްދަކީ އަޒަރުބައިޖާންއާއި އަރުމީނިއާއާ ދެމެދު ސިލްސިލާ ގޮތެއްގައި ދެބަސްވުންތައް އުފެދޭ ސަރަހައްދެކެވެ. ނަމަވެސް، މި ފަހަކަށް އައިސް، މަސްރަހު ވަނީ އިންތިހާއަށް ނުތަނަވަސްވާން ފަށާފައެވެ.

އަޒަރުބައިޖާންއަށް ތާއީދު ކުރައްވަމުން ގެންދަވާ ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން ވިދާޅުވީ އަރުމީނިއާއަކީ މުޅި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. ކަން މިހެން އޮތް އިރު، ރަޝިއާގެ ހާރިޖިއްޔާއިން ވަނީ، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ދެ ފަރާތަށްވެސް ގޮވާލާފައެވެ.

އަރުމީނިއާއާއި އަޒަރުބައިޖާންއަކީ 1991 ވަނަ އަހަރު ރޫޅާލި ސޯވިއެޓް ޔޫނިއަންގެ ބައެކެވެ. ނަގޮރްނޯ-ކަރަބަޚް ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލަ އެތައް އަހަރަކަށް ދިގުލާ ގޮސްފައި ވާއިރު، ބައިނަލްއަގުވާމީ ފެންވަރުގައި މި ސަރަހައްދު ބަލައިގެންފައި ވަނީ އަޒަރުބައިޖާންގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް މި ސަރަހައްދު ކޮންޓްރޯލް ކުރަމުންދަނީ އަރުމީނިއާ ދަރިކޮޅުގެ މީހުންނެވެ.

ޖުލައި މަހުވެސް އަޒަރުބައިޖާންއާއި އަރުމީނިއާއިން ބޯޑަރު ހަނގުރާމައަކަށް ގޮސްފައި ވާއިރު، 16 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.