ފާއިތުވީ 15 އަހަރުގެ ތެރެއިން 10 އަހަރަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އާމްދަނީއިން ޓެކްސް ދައްކަވާފައި ނުވާ 10 އަހަރު ކަމަށް، ޓެކްސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ، ނިއުޔޯކް ޓައިމްސް (އެންވައިޓީ) އިން ރިޕޯޓްކޮށްފިއެވެ.

އެންވައިޓީއިން ބުނާ ގޮތުގައި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު، އާމްދަނީގެ ޓެކްސްގެ ގޮތުގައި ޓްރަމްޕް ދައްކަވާފައި ވަނީ އެންމެ 750 ޑޮލަރެވެ.

ފާއިތުވީ 15 އަހަރުގެ ތެރެއިން 10 އަހަރު ޓެކްސް ދައްކަވާފައި ނުވި ނަމަވެސް، ރިއާލިޓީ ޝޯތަކާ އެހެނިހެން މަޝްރޫއުތަކުންވެސް 2018 ވަނަ އަހަރު ޓްރަމްޕަށް އާމްދަނީގެ ގޮތުގައި 427.4 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވިކަން ހާމަވެއެވެ.

އާމްދަނީއިން ޓެކްސް ދައްކަންޖެހޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ޓްރަމްޕް މަސައްކަތް ކުރެއްވީ، އޭނާގެ ވިޔަފާރި ހާންދާނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައި ވާކަން ހުއްޖަތަކަށް ހައްދަވައިގެންނެވެ. ނަމަވެސް، 2018 ވަނަ އަހަރަށް ބަލާއިރު ޓްރަމްޕަށް އާމްދަނީގެ ގޮތުގައި 434.9 މިލިއަން ޑޮލަރު ލިބިވަޑައިގެންނެވިއިރު، 47.4 މިލިއަން ޑޮލަރުގެ ގެއްލުންވި ކަމަށް ޓްރަމްޕް ރިޕޯޓް ކުރެއްވި ކަމަށް އެންވައިޓީއިން ފާހަގަކުރެއެވެ.

ޓްރަމްޕް ވަނީ އެންވައިޓީގެ ރިޕޯޓަށް އިންކާރު ކުރައްވާފައެވެ. އަދި އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ ޓެކްސް ދައްކަވާ ކަމަށާ، އޮޑިޓަރުން މިހާރު ބައްލަވަމުން ގެންދަވާ ކަންކަން ބައްލަވާ ނިމުމުން ވަރަށް އަވަހަށް އެކަން ހާމަވާނެ ކަމަށެވެ.

ޓްރަމްޕް އޯގަނައިޒޭޝަންގެ ވަކީލު އެލަން ގާޓެން ވިދާޅުވީ އެންވައިޓީގެ ރިޕޯޓްގައި ސައްހަ ނޫން މައުލޫމާތު އެކުލެވޭ ކަމަށެވެ. އެގޮތުން ފާއިތުވީ އަހަރުތަކުގައި އެތައް މިލިއަން ޑޮލަރަކުން ޓްރަމްޕް، ޓެކްސް ދެއްކެވި ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕްގެ ޓެކްސްގެ ހިސާބުކިތާބާ ގުޅިގެން އެންވައިޓީއިން ރިޕޯޓެއް އާންމު ކޮށްފައި މިވަނީ، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ޓްރަމްޕް ފައިވިއްދައިވައިގެން ހުންނެވި ދަނޑިވަޅެއްގައެވެ.

އެންވައިޓީއިން ބުނާ ގޮތުގައި އެ އިދާރާއަށް ލިބިފައިވަނީ ޓްރަމްޕާގެ ވިޔަފާރި ކުންފުނިތަކާ ގުޅިފައިވާ ޓެކްސްގެ މުއާމަލާތްތަކެވެ. އަދި ޓްރަމްޕްގެ ޒާތީ ޓެކްސްގެ ވަނަވަރު ނެތް ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.