ބޮލީވުޑްގެ ޒުވާން ބަތޮލް ސުޝާންތު ސިންހުގެ ކުއްލި މަރާ ގުޅިގެން ހިންގި ތަހުގީގުތަކުން ކުރިފެޅި ޑްރަގް މައްސަލައާ ގުޅިގެން، ސުޕާސްޓާ ދީޕިކާ ޕަދުކޯންގެ މޯބައިލް ފޯނު، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ނަގައިފިއެވެ.

ދީޕިކާގެ ފޯނު އަތުލާފައި މިވަނީ، ސުޝާންތުގެ މަރާ ގުޅިގެން ފެންމަތިވި ޑްރަގްގެ މައްސަލައާއި ގުޅިގެން ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ފަހުގައެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ ހުކުރު ދުވަހު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު އަދި ހޮނިހިރު ދުވަހު 4 ގަޑިއިރަށްވުރެ ގިނަ ވަގުތު، ދީޕިކާއާއި ސުވާލުކޮށްފައެވެ.

ދީޕިކާގެ އިތުރުން ބޮލީވުޑްގެ ތަރި ރާކުލް ޕްރީތު ސިންހާއި، ދީޕިކާގެ ކުރީގެ މެނޭޖަރު ކަރިޝްމާ ޕްރަކާޝްގެ މޯބައިލް ފޯނުވެސް އެންސީބީއަށް ނަގާފައި ވާ ކަމަށް ޚަބަރު ލިބެއެވެ. ކަމާބެހޭ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، މި ފޯނުތައް އަތުލާފައިވަނީ ފޯނުތައް ބޭނުންކޮށްގެން ޑްރަގްގެ މުއާލަމާތްތަކެއް ހިންގާފައިވާތީއެވެ.

ދީޕިކާއާއި އޭނާގެ މެނޭޖަރާ ދެމެދު 2017 ވަނަ އަހަރު ޑްރަގްސްއާ ގުޅޭ މަޝްވަރާތަކެއް ކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ. ކަން މިހެން އޮތްއިރު، ސުޝާންތުގެ ލޯބިވެރިޔާ، ރިއާ ޗަކްރަބަތީ މިހާރުވެސް އިނީ، މި މައްސަލާގައި، ޖަލު ބަންދުގައެވެ.

ޑްރަގުގެ ތުހުމަތު ތަކަށް ދީޕިކާ އިންކާރު ކުރެއެވެ.