މުޅި ދުނިޔެއަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު މަސައްކަތް ކޮށްގެން އާމްދަނީ ލިބުނު މިންވަރު، 10.7 ޕަސެންޓް ދަށަށް ގޮސްފައި ވާކަމަށް އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ ރިޕޯޓުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އާމްދަނީ ލިބުނު މިންވަރު ދަށަށް ގޮސްފައިވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ސަބަބުން ކަމަށްވެސް އައިއެލްއޯއިން ފާހަގަކުރެއެވެ.
ދުނިޔޭގެ ނިސްބަތުން، މަސައްކަތްތެރިންނަށް ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާއިރު، ފައިސާގެ ގޮތުން ބަލާއިރު މި އަގު، ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދުނިޔޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާއިރު 5.5 ޕަސެންޓްއެވެ.
އައިއެލްއޯއިން ބުނާ ގޮތުގައި އާމްދަނީއެއް އެންމެ ބޮޑު އަސަރެއް ފޯރާފައިވަނީ، ކުރިއަރަމުން އަންނަ އިގުތިސޯދު އޮތް ގައުމުތަކުގެ ތެރެއިން، ނުރަސްމީ މަސައްކަތްތަކުގައި އުޅޭ ފަރާތްތަކަށެވެ. ފާއިތުވެދިޔަ މާޒީގައި ކުރިމަތި ކާރިސާތަކުގައި ކުރިމަތިލާން ނުޖެހޭ ވަރުގެ ގެއްލުންތަކާ މިފަދަ ފަރާތްތަކަށް ކުރިމަތިލާންޖެހިފައި ވާކަމަށް އައިއެލްއޯއިން ބުނެއެވެ.
ކޮވިޑް-19އާ ގުޅިގެން މަސައްކަތުގެ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނެސްފައި ވާއިރު، މަސައްކަތުގެ ވަގުތަށްވެސް ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. މަސައްކަތު ގަޑި އުނިވި މިންވަރު ކުރިން ލަފާ ކޮށްފައި އޮތީ 14 ޕަސެންޓްގައި ކަމަށް ވީ ނަމަވެސް، މި އަދަދު 17.3 ޕަސެންޓަށް އަރާ ކަމަށް އައިއެލްއޯއިން ބުނެއެވެ. މިއީ ގާތްގަނޑަކަށް 495 މިލިއަން ފުލްޓައިމް ވަޒީފާގެ ވަގުތެވެ.
މިއަހަރުގެ 4 ވަނަ ކުއާޓަރުގައި ވަޒީފާގެ ވަގުތުން އުނިވާ މިންވަރު 245 މިލިއަން ފުލްޓައިމް ވަޒީފާގެ ވަގުތާ އެއްވަރު ވާނެ ކަމަށް ލަފާކުރެވެއެވެ.