ބޭނުންކޮށްފައިވާ ކޮންޑަމްތަކެއް އަލުން "ސާފުކޮށް" އާ އުފެއްދުންތަކެއްގެ ގޮތުގައި ވިއްކާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ބޭނުންކޮށްފައިވާ ކޮންޑަމްތަކެއް ސާފުކޮށްގެން އާ އުފެއްދުންތަކެއްގެ ގޮތުގައި ވިއްކުމުގެ ތެރޭގައި އަތުލައިގެންފައި ވާ ކަމަށާ، މި ގޮތަށް އަތުލައިގެންފައިވާ ކޮންޑަމްތަކުގެ އަދަދު، ގާތްގަނޑަކަށް 345000 އަށް އަރާނެ ކަމަށެވެ.

ވިއެޓްނާމްގެ ދައުލަތުން ހިންގާ ވީޓީވީއިން ވަނީ، ގުދަނެއްގެ ތެރޭގައި ހުރި މިފަދަ ގިނަ އަދަދެއްގެ ތަކެތި ފެންނަ މަންޒަރުތަކެއް އާންމުކޮށްފައެވެ. ވިއެޓްނާމްގެ ފުލުހުން ބުނާ ގޮތުގައި އަތުލައިގަތް ކޮންޑަމް އަޅާފައިވާ ދަބަސްތަކުގެ ބަރުދަނުގައި 360 ކިލޯގްރާމް ހުންނާނެ ކަމަށެވެ.

ގުނަދަނުގެ ވެރިފަރާތާ ހަވާލާދީ ވިއެޓްނާމްގެ ދައުލަތުގެ ނޫހުން ބުނި ގޮތުގައި، ކޮންމެ މަހަކުވެސް މިފަދަ ގިނަ އައިޓަމްތަކެއް، ގޮތް ނޭނގޭ މީހެއްގެ ފަރާތުން އެ ގުދަނަށް ވައްދައެވެ.

ވިއެޓްނާމްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިމައްސަލައާ ގުޅިގެން އަންހެނަކު ހައްޔަރުކޮށްފައެވެ. އެ އަންހެން މިހާ ކިޔައިދިން ގޮތުގައި، ބޭނުންކޮށްފައިވާ ކޮންޑަމްތައް ހޫނުފެނުން ދޮވެ ހިއްކުމަށްފަހު، ލަކުޑި މޮޑެލްއެއްގެ އެހީގައި އާ އެއްޗެއްގެ ސިފައަށް ބައްޓަން ގެންނަނީއެވެ. އެއަށްފަހު ޕެކެޓްކޮށް، ވިއްކަނީއެވެ.

މި ގޮތަށް މިހާތަނަށް ވިއްކާފައިވަނީ ކިތައް އައިޓަމްކަން އަދި ސާފެއް ނުވެއެވެ. ހައްޔަރުކޮށްފައިވާ އަންހެން މީހާ ބުނި ގޮތުގައި ސާފުކޮށްދޭ ކޮންމެ ކިލޯގްރާމަކަށް 0.17 ޑޮލަރު، އޭނާއަށް ލިބެއެވެ.